ޗައިނާ އާއި އިންޑިއާއާ ދެކޮޅަށް ހަރަކާތްތައް ހިންގައި ބަދު ބަސް ރައްދު ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ހުރި ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ގެ ޝިއާރެއްގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްއާއި އެކްޓިވިސްޓުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މީސް މީޑިއާގައި ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ. އަދި "އަޅުވެތި ކަމާ ދެކޮޅަށް" ކަމަށް ބުނެ މަގުމަތީ ހަރަކާތްތަކެއް ވެސް ބޭއްވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕް އިން ދަނީ އިންޑިއާއަށް ފާޑުވިދާޅުވެ ޗައިނާއަށް ތައުރީފް ކުރައްވަމުންނެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ތައުރީފްކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ. އިންޑިއާއަށް އިދިކޮޅުން ތަފާތު ތުހުމަތުތަކެއް ކުރާއިރު، އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ޗައިނާއަށް ވެސް އެކި ތުހުމަތު ކުރަމުންނެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ މެންބަރު ޝަރީފް ވިދާޅުވީ ރާއްޖެއަކީ ހުރިހާ ގައުމުތަކާ އެކު ވެސް އެކުވެރިކަން ބާއްވައި، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމަކާ އެކު ގުޅުން ބަދަހި ކުރަން ޖެހޭ ގައުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިވާން އޮތީ އެފަދަ ހަރުދަނާ ހާރިޖީ ސިޔާސަތެއް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބިނާވާން ޖެހޭނީ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމަކާ އެކު އަޅުގަނޑުމެން ވެސް އެހީތެރިކަން ފޯރުކޮށް ގުޅުން ބަދަހިކުރުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމުގެ ސަބަބުން އިންޑިއާއިން މިފަދަ ގިނަ އެހީ ލިބެމުން ވެސް މި ދަނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޗައިނާ އާއި އިންޑިއާއާ ދެކޮޅަށް ހަރަކާތްތައް ހިންގައި ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު ވާހަކަތައް ފެތުރުމަކީ ހަރުދަނާ ސިޔާސީ ލީޑަރުން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރުން ގާތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން އިންޑިއާއާ ދެކޮޅަށް މުޒާހަރާކޮށް ބަދުބަސް ބުނުމަކީ. ޗައިނާއާ އެކީގައި ގާތް ގުޅުމެއް ބާއްވަން އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރަން. އަޅުގަނޑާ ހިޔާލު ތަފާތު ބައެއް މީހުން އަޅުގަނޑުމެން ޕާޓީގައި ވެސް އެބަ ތިބި. އެހެން ވިޔަސް ޗައިނާއާ އެކު ވެސް އެކުވެރިކަން ބާއްވަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ގެ ހަރަކާތައް ފާޑުވިދާޅުވަމުން ޝަރީފް ވިދާޅުވީ އެއީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފު ހަރަކާތެއް ކަމަށެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެނިގެން ނުވާނެ އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުންތައް ގޯސްވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދެ ގައުމުން ވެސް ރާއްޖެއަށް ބޮޑެތި ލޯނު އަދި ހިލޭ އެހީ ދީފައިވާ އިރު، މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް ހާރިޖީ ސިޔާސަތުގެ ހަމަހަމަކަން ނެތި، ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަންނާނެ ފަދަ ގޮތަކަށް ސިޔާސީ ލީޑަރުންގެ ނިންމުންތަކާއި ވާހަކަފުޅުތައް ހުންނެވި ކަމަށް ހާރިޖީ ގުޅުންތައް ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަދު

    ގައުމަށް ނުރައްކާ ވިއަސް ބަލާނެ ކަމެއްނެތް. މަގޭ ސިޔާސީ އެޖެންދާ ޙާސިލް ވެފައި މަގޭ ޖީބަށް ރަނގަޅު އެއްޗެއް ވަންނަންޏާ ނިމުނީ.

    21
  2. ބެއްޔާ

    އެމްޑީޕީ މީހަކު ޗައިނައަށް ތާއީދެއް ނުކުރާނެ. އިންޑިޔާ ބޭރުކުރަން އުޅޭތީ އެކަމާ މޭކަރައިގެން ދެފުށްކެހެރި ވާހަކައެއް ހަދާލީ. މިގައުމުގެ ހުރިހާ މަތީފަންތީއެއް އިންޑިޔާއިން އޮތީ ގަނެފަ. އިންޑިޔާއިން ކުރާ ޑިޕްލޮމެޓިކާއި ޚިލާފުކަންކަން ޝަރީފަށް ނުފެންނަނީ މިބުނާ ގަނެލާ ސިޔާސަތުގެ ސަބަބުން.

    21
  3. ކަނަމަނަ

    މަވޯޓާވެސް ތީމޮޔައެއް ރ ސޯލިހަކީވެސް މޮޔައެއް

    18
  4. ކަނަމަނަ

    ޢެފަދަ އަމަލުތައް ކުރީގަވެސް އެމްޑީޕީމީހުންވެސް ހިންގި މިހާއަވަހައް ޝަރީފް ހަދާންނެތުނީތަ

    22
  5. ލީނޯ

    ސިޔާސީ ކުޑައެއްގެ ދަށުވީމަ ޝަރީފު ބޭނުންގޮތަކަށް ވާހަކަ ބައްޓަން ކުރިޔަސް ހަގިގަތަކީ ޚާރިޖީ ސިޔާސަތު ދޯދިޔާވެ ހައްދެއް ނެތް މިންވަރެއްގެ ނުފޫޒާ އެކު އިންޑިޔާގެ އުނގަށް މިގައުމު ވެއްޓުނީ. މީގެ ސަރީޙު ހެއްކަކީ ރައީސް މައުމޫނު 30 އަހަރު ވެރިކަން ކުރެއްވި އިރުވެސް އަދި ޔާމީން 5 އަހަރު ވެރިކަން ކުރެއްވެވި އިރުވެސް ތިބުނާ އިންޑިޔާ އޮތީ ކުރި ކަމެއް ދިން އެހީއެއްނެތް. އިންދިރާ ގާނޑިގެ ފޮޓޯއެއް ބެހެއްޓުމަށް އައިޖީއެމް އެޗް ބިނާ ނުކުރާ ވާހަކައެއް ނޫން މިބުނީ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމާއެކު ތަރައްޤީގެ އާހަރުފަތުން ޗައިނާ އާއި ބަދަހި ގުޅުމެއް އުފެދި އިންޑިޔާ ކަނޑަށް އިންޑިޔާގެ ނުފޫޒު ގެއްލިދާނެހެން ހީވީމާ ސިޔާސީ ވިސްނުން ދަށްބައެއްގެ ބޮލަށް އެރުނީ. އިންޑިޔާ އިންދޭ ކޮންމެ އެހީއަކީ ޙީލަތްތެރި ވިސްނުމެއްގަދޭ އެހީއަކަށް ވެދާނެ. އިންޑިޔާގެ ދީލަތި އެހީއަށް ބަރޯސާވެ ތިބުމަކީ މިސަރަޙައްދުގަ ދިވެހި ގައުމުގެ އަމިއްލަ ބާރު ކުޑަވުން. އަދި ސްރީލަންކާ އާހަރުފަތަކުން ތަރައްޤީވެ އޭޝިޔާގެ ސިންގަޕޫރަށް ބަދަލުވުން.

    20
    1
  6. 🤔

    ކޮށްމެވެސް އެއްޗެއް ލިބެއްޖެ 😃

    16
  7. ބޯގޯސް ސަރީފު

    ތާކުން ތާކު ނުޖެހޭ ކޮސް ވާހަކަ ނުދައްކާ.

    20
  8. ފައިވާން

    އެސޮރުވެސް ދެން ޓީވީއަށް އެރުނުފަހަރު ކޮންމެވެސް އެއްޗެކޭ ކިޔާލީ.