ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމާ ގުޅިގެން މާފުށި ޖަލަށް ޒިޔާރަތް ކޮށްގެން ވަކީލު ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ދިނުން މެދުކަނޑާލުމަށް ފަހު، މާދަމާ އިން ފެށިގެން ގާނޫނީ ވަކީލުންގެ ޒިޔާރަތް ކުރެވޭނެ ކަމަށް ކަރެކްޝަންސް ސާވިސް އިން ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މާފުށި ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކޮށް ބަންދު މީހުންނާއި ގައިދީންނަށް އެ މީހުންގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު މާދަމާއިން ފެށީގެން އޮންނާނެ ކަމަށެވެ. އެ ކަމަށް އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަ ނެގެމުގެ ކަންކަން ކުރަން ޖެހޭނީ ގައިދީ ނުވަތަ އޭނާގެ ވަކީލުން އަމިއްލައަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެކަމަކު، އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ވޭދަނައެއް ފެނިއްޖެނަމަ، އެ ޖަލަކަށް ޒިޔާރަތް ކޮށްގެން ވަކީލު ބައްދަލުވުން ބޭއްވުމުގެ ފުރުސަތު މެދުކަނޑާލެވޭނެ ކަމަށް ބަޔާނުގައިވެއެވެ. ޖަލަށް ޒިޔާރަތްކޮށް ބައްދަލުވުން ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ސަމާލު ކަން ދިނުމަށް ވެސް އެދިފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ޖަލަށް ޒިޔާރަތް ކޮށްގެން ވަކީލުން ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ނުދިން ނަމަވެސް ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް ވަކީލު ބައްދަލުވުމުގެ ފުރުސަތު ދީފައިވެއެވެ.

ކަރެކްޝަންސް އިން ވިދާޅުވީ، ކުރިން ވެސް ހަމަޖައްސަމުން ދިޔަ ވީޑިއޯ އަދި ފޯނު މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގެ ފުރުސަތުތައް ވެސް ދެމުންދާނެ ކަމަށެވެ.