އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި އަދީބުގެ މައްޗަށް އޮތް ބަންދުގެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަހަށް އަދީބު ޖަލު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް ހައި ކޯޓުގައި މިއަދު އިއްވާފައިވާއިރު، އަދީބު މިހާތަނަށް ހުންނެވީ އިސްތިއުނާފް ޝަރީއަތްތައް ނިންމެން ދެން ޖަލު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ކުރި ހުކުމުގެ ދަށުން ޖަލު ބަންދުގައެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލަ އަލުން ދަށު ކޯޓުގައި ބަލަން ހައި ކޯޓުން ހުކުމް ކުރެއްވި އެ އަޑުއެހުމުގައި ރިޔާސަތުން ވިދާޅުވީ، އިސްތިއުނާފްގެ ޝަރީއަތް ނިމުމުން އަދީބުގެ މައްޗަށް އޮތް ބަންދުގެ މުއްދަތު ހަމަވެގެން ދާތީ އިތުރު 15 ދުވަހުގެ މުއްދަތަކަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އަމުރުކުރާ ކަމަށެވެ.

އެ ގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް އަލުން ފަށާއިރު އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމަށް އޮންނަ މުއްދަތަކީ 10 ދުވަސް ކަމަށް ވުމުންނާއި ކްރިމިނަލް ކޯޓުން އެ ކަމުގައި ގޮތެއް ކަނޑައެޅުމަށް 5 ދުވަހުގެ މުއްދަތެއް ގާނޫނުގައި އޮންނާތީއެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އޭނާ ޖަލު ބަންދުން މިނިވަންވިއެވެ. އެއީ އޭރު އަދީބު ޖަލު ބަންދުގައި ހުންނެވީ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި އެ ހަތް ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން ދެނެވެ. އަދީބުގެ މައްޗަށް ކުރިން އިއްވި ހުކުމްތައް ވެސް އެއާ ހަމައަށް އައިރު ހުރީ ތަންފީޒުވެ ނިމިފައެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުކުރީ ދައުލަތުގެ ފަރާތުން އެ ކަމަށް އެދިވަޑައިގަތުމުންނެވެ. ދައުލަތުން އެ ގޮތަށް އެދިވަޑައިގަތީ މީގެ ކުރިން ވެސް އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންފައިވާތީއެވެ.

އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގް ބޯޓަކަށް އަރާވަޑައިގެން އިންޑިއާއަށް އެތެރެވަނިކޮށް އިންޑިއާގެ ޓުޓޮކޮރިންގެ ކަނޑުގެ ސަރަހައްދުން އޭނާ ހައްޔަރުކުރީއެވެ. ފަހުން ރާއްޖޭގެ ފުލުހުން އިންޑިއާއަށް ގޮސް، ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލިއެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަންއަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އެ ހިޔާނާތުގެ ފަހަތުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ އަދީބުގެ މައްޗަށް މީގެ ކުރިން ވެސް އެ މައްސަލާގައި ހުކުމްކުރެއްވިއެވެ. އެކަމަކު މަތީ ކޯޓުގެ މަރުހަލާގައި ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބަލަން ދަށު ކޯޓަށް އެންގެވިއެވެ. ދަށު ކޯޓުން ވަނީ ދައުވާތައް އަލުން ކުރުމަށް ދައުލަތަށް އަންގަވައިފައެވެ.

އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ހަތް ދައުވާއަކީ އޭގެ ފަހުން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ހަތް ދައުވާއެވެ. ހިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އިއުތިރާފްވެވަޑައިގެން އެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ އެތައް ފަހަރެއް މަތިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ބުރޯމިފަހަރު އެންމެރަނގަޅުގޮތަކީ ކަންހިގިގޮތައް ލާރިދިންހުރިހާފަރާތްތަކެއް ވަރައްތަފްސީލްކޮށް ސަރީއަތުގެމަޖިލީހުގައިކިޔައިދިނުން އަދިވެސް ބުރޯއައް ކަމެއްކޮށްދެއްވަންޏާ ދެއްވާނީ ހަމަރައީސްޔާމީން