ތިން ގާނޫނަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގް ކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގް ކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްހާލް ގެނައުމުގެ ބިލެވެ.

އިލެކްޝަން ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ބަލާއިރު، ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިޞްލާޙުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހުތަކަށް ބަލާއިރު، އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަނުގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅާފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުޞޫލުތައް މި އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިޞްލާޙުގައި އިތުރުކޮށްފައިވެއެވެ.

އޭސީސީގެ ގާނޫނަށް ގެނައި އެ އިޞްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ، ކޮމިޝަނުގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިޞިއްޔަތާއި ފަރުދީ ހައިޞިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.