ޝައްފާން ނިޔާވީ ކައިވެނި ކުރިތާ 16 ވަނައަށްވީ ދުވަހު!

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މިއަދު ނިޔާވި ޝައްފާން ރަޝީދު (24އ) އަކީ އޭނާ އާއި ހަވާލުކުރި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވަރަށް ފުރިހަމައަށް އަދާކުރި ފަޔާ ފައިޓަރެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ޝައްފާނަކީ އެއާޕޯޓްގެ އެއާކްރާފްޓް ރެސްކިއު އެންޑް ފަޔާފައިޓިން ޑިޕާޓްމަންޓްގައި އޮންނަ ސީ ރެސްކިއު އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ.

ޝައްފާންގެ އާއިލާއަށް ތައުޒިއާ ރައްދުކޮށް އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ ޝައްފާން އެކުންފުނީގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ. "ޝައްފާންގެ ހަނދާންތައް އަޅުގަނޑުމެން އާކުރާނީ އޭނާ އާއި ހަވާލުކުރެވުނު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމައަށް އަދާކުރި ފަޔާ ފައިޓަރެއްގެ ގޮތުގައި." އެމްއޭސީއެލް އިން ބުންޏެވެ.

އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ކުރި ޓްވީޓެއްގައި ވެސް ވަނީ ޝައްފާންގެ އާއިލާއަށް ތައުޒިއާ ކިޔާފައެވެ.

ޝައްފާން މިއަދު ހެނދުނު މާލޭ ވެސްޓްޕާކް ސަރަހައްދަށް ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ. އޭނާ ސްނޯކްލިންއަށް ދިޔައީ ހެނދުނު 11:00 ކަންހާއިރުއެވެ. އޭނާގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 16:36 ކަންހާއިރުއެވެ.

ޝައްފާންގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އާއްމުންގެ ބަޔަކަށެވެ. ޝައްފާން ފެނުނީ އޭނާ ގެއްލިގެން ރިޕޯޓް ކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ. ޝައްފާންގެ ހަށިގަނޑު ފެނުނުއިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ.

ޝައްފާނަކީ އަލްކެމީ ސްޕްރިންފިޝިން އާއި ޑޮގްޓެއިލް ސްޕްރިންފިޝްގެ އެމްބެސެޑަރެއް ވެސް މެއެވެ. ސްނޯކްލިން ކުރަން ޝައުގުވެރިކަން ހުންނަ މީހުންނާއި ސްޕޯޓް ފިޝިންއަށް ޝައުގުވެރިކަން ހުންނަ ވަރަށް ގިނަ ބަޔަކު އިންސްޓަގްރާމުން އޭނާ ފޮލޯ ކުރެއެވެ.

އާއްމުކޮށް ސްނޯކްލިންގެ މަންޒަރުތައް ޝައްފާން އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް މިއަދުގެ އެއްވެސް މަންޒަރެއް އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފައެއް ނުވެއެވެ.

ޝައްފާންގެ ކުއްލި މަރާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ރަހުމަތްތެރިންނާއި، ނުދަންނަ މީހުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަހުމަތްތެރިއެއް

    Emme handhaan vaanee shaffan ge hinithun vun. Varah hiy heyo meeheh

    25
  2. ހޯސް

    ކީއްވެގެންތަ މަރުވާ ހުރިހާ އެންމެންގެ ވާހަކަ ނުޖަހަނީ..

    6
    6