ބަންގްލަދޭޝް ގައި ޑޮކްޓަރުކަން ކިޔަވަން އުޅެނިކޮށް މަރުވި މޮޑެލް، ރައުދާ އާތިފްގެ ގާތިލުން ތިބީ ދިވެހިރާއްޖޭގައި ކަމަށާއި އޭނާގެ ގާތިލުން ރިޔާސީ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދަށާއި ރިޔާސީ ކޮމިޝަންގެ ތަޙްޤީޤު ކުރާ ފަރާތްތަކަށް ވެސް އެނގޭނެ ކަމަށް ބުނެ ރައުދާގެ ބައްޕަ ޑޮކްޓަރ މުހައްމަދު އާތިފް ދައްކަމުން ގެންދާ ވާހަކަތައް އޭނާ އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

ރޭ އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅު ރައުދާއަށް އިންސާފު ހޯދަން ކުރަމުން ގެންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. ރައުދާގެ ގާތިލުން މަރު ކޮމިޝަނުން ވެސް ހާމަކުރަން ޖެހޭ ކަމަށް އާތިފް ބުންޏެވެ.

"ރައީސް ޞާލިހެއް ނޫން އަދި އެނޫންބޭފުޅަކު މިގައުމުގެ ވެރިއަކަށް ހުއްޓަސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ. އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދަން މިކުރާމަސައްކަތް ހުއްޓުވަން މީހުން ފުރއްސާރަކުރޭ. ބިރުދައްކާ. ނަމަވެސް މިހަގީގަތެއް ނުފޮރުވޭނެ." އާތިފް ބުންޏެވެ.

އޭނާ ބުނީ ރައީސް ޞާލިހް އުފައްދަވާފައިވާ މަރުކަމިޝަނަށް ރައުދާގެ މަރުގެ މައްސަލަ ހުށަހެޅީ އަމިއްލަޔަށް ދަންޖެހުނީތޯ ބަލާކަށް ނޫނެވެ. އެމައްސަލަ ހުށަހެޅީ ބަންގްލަދޭސްގެ ސިއައިޑީ ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށްބިނާކޮށް ރައުދާ މަރާލިމީހުން ހޯދަން ކަމަށް އޭނާ ބުންޏެވެ.

"އެބަޔަކު އެކަމިޝަނުގެ ރައީސްކަންކުރި ހުސްނު ސުއޫދަށް ވެސް އަދި އެކަމިޝަނުގެ ތަހުގީގު ކުރާފަރާތްތަކަށް ވެސް އެނގޭނެެ. އަހަރެން މިބުނަނީ މިގައުމުގެ ސަލާމަތީ ސިއްރެއް ހާމަކުރާކަށްނޫން. އަހަރެންގެ ދަރިފުޅު ރައުދާ އަމިއްލަޔަށް ދަންޖެހުނިއްޔާ ޞާލިހު އެރިޕޯޓްގައި ބަގުޑިލައްވައިގެން އެއިންނަވަނީ ކީއްވެތޯ ބަސްބުނަން ނޭންގިފައި؟" އާތިފް ބުންޏެވެ.

ރައުދާގެ މަރު ތަޙްޤީޤުކޮށް ނިންމުމަށްފަހު ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ކޮމިޝަނުން ވަނީ ރައީސް ޞާލިހަށް ހުށަހަޅާފައެވެ. އެމަނިކުފާނު އެ ރިޕޯޓް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުއްވެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް އެ ރިޕޯޓް އާއްމު ކުރައްވާފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓް އާއްމު ނުކުރެއްވި ނަމަވެސް މީޑިއާއަށް ލީކުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިޔާސީ ކޮމިޝަނުން ވެސް ނިންމާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ލީކުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ހޯދި އަދި ތަޙްޤީޤުގައި ނިންމި ނިންމުންތަކަށް ބަދަލެއް އަންނަ ވަރުގެ ހޯދުމެއް ރިޔާސީ ކޮމިޝަނަށް ލިބިފައެއް ނެތެވެ.

ރައުދާގެ މަރުގެ ޙަޤީޤަތް ހޯދުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ރައުދާގެ މަރުގެ އިތުރުން އަދި އިތުރު އެތައް ބައެއްގެ މަރު ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރަމުން އަންނައިރު އަދި މިހާތަނަށް ހަމައެކަނި ކުރިއެރުމެއް ލިބިފައި ވަނީ ވެސް ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައެވެ. އިތުރު މައްސަލަތަކުގެ ތަޙްޤީޤުތަކުގައި ލިބިފައިވާ މައުލޫމާތުތައް ހާމައެއް ނުކުރެއެވެ. ނަމަވެސް ރިޔާސީ ކޮމިޝަނަށް އަންނަ ނޮވެމްބަރ މަހު ދެއަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބެއްޔާ

    ރިޔާސީ ކޮމިޝަނެއް ހެދީ މަރުވެފައިވާ މީހުންގެ ޙައްޤު ނުވަތަ ދިރިތިބި މީހުންގެ ޙައްޤުގައެއް ނޫން. އެއީ ސުޢޫދަށް އުއްތަަމަ ފަނޑިޔާރުކަންދޭން މަގެއް ކޮށުމުގެ ބޭނުމުގައި އެކަންވަމުންދަނީ. އެކަމަކީ ރައީސް ޞޯލިހުގެ ވައުދެއް. އެވައުދު މިދައުރުގަ ފުއްދޭނެ.

    34
    3
  2. މަހުދީދީ

    ހުސްނުސުއޫދަކީ ބޮޑެތި ކުއްވެރިން ދިފާއުކުރަން ވަރަށް މޮޅުވަކީލެއް. މިހާރު ސްފްރީމްކޯޓަށް ވަދައިނަސް އޭނާގެ ފަސްބަޔަކީ ވަރަށް އަނދިރި ތަނެއް.

    41
    2
  3. އަބްސީ

    ތިކޮމިޝަނުން ކޯންޗެއް މިހާތަނަށް ހޯދުނީ؟ ކާކަށް އަދަބުދީ ޙުކުމެއްކުރީ؟ ތީހަމަ ދިވެހިންގެ ލޮލުގަ އަނދުން އަޅުވައިގެން ދައުރު ނިމުނެދެން ހިފާއަޓަން ހެދި ކޮމިޝަނެއް

    47
    2
  4. މީރާއަލިފް

    އޭނ! ޑޮކް އާތިފޫ! ރައީސް ސާލިހޭތޯ! ރިޔާސީ ވަޢުދު ފުޅޭތޯ! ހެހެހެހެ! ކީއްކުރާނީ ދޮއްތޮ! އާްތީ... ރިޔާސީ ވަޢުދުފުޅު ލިސްޓްގަ އެޖެންޑާ 19 ކިޔާ އަނދިރި ފާރާތް! ދޮއްތޮ! އާނ! އޭގައި އިނީ އިންޑިއާ އިން ރީތިރީތި ނަންނަމުގަ ހުތުރުކަންބޮޑު ލޯނުތައް ނަގައިގެން ހަރާންސަރުކާރީ ހިންގަމުންދާ 4 ގައްދާރުންނަން ބަހާ ހުސްކޮށް މިލޮބުވެތި ދިވެހި ގައުމު އަޅުވެތި ކުރީމާ ބޮނދާވެ އޮވެފަ ދެން ނުކުމެ ހޭރެން ފެށީމާ އެއީ ހަގީގަތަކޭ ބުނާ މީހުން ގިނަވޭ، ދެރަނުވޭ! އަހަރުމެން ސަރުކާރެއްގަ ރަޢުދާ އަށް އިންސާފް ހޯދާނަން. އޭރު މުސްކުޅި އިބުރާހިމާ މުހައްމަދުގެ ސާލިހު އޮންނާނީ މުސްކުޅި ހާލުގަ ހަމަ ޖަލުގަ... އިންޝާﷲ އާމީން

    5
    1
  5. ސަމްސިއްޔާ

    ތިޔަ މަރުކޮމިޝަނަށް ރައުދާގެ ގާތިލު އިނގެންޔާ އާތިފަށްވެސް އިނގޭނެ. ބުނަންވީއެއްނު.

    18
    9
    • ޑރ.މުހައްމަދު އާތިފް

      ކަމުގެ ފަހަތުގަ ތިބިބަޔަކު ބުނެގެން ކަމެއްވާނީ ގާނޫނީހުކޫމަތު ހިނގާތަނެއްގަ.އަހަރެންގެ ދަރިފުޅަށް އިންސާފުހޯދަން ހެއްކާގަރީނާއާއެކު ހުށަހަޅަން ހުރީހަމަ ތިޔަ ކޯޓުތަކާ ގާނޫނީބާރު ލިބިފަހުރި ކަމިޝަންތައް.މިއުޅެނީ އަތުން އިންސާފު ހޯދާކަށްނޫން.ތިޔަރައީސް އަށް ކަހާތަން ހިރުވާލާހެންވެސް ހީވޭތަ.ރައްޔިތުން ގެ ލޮލުގަ އަނދުން އަޅުވާ ރޯބުހުތާންދޮގުހަދާ ކަޅު ހުދައްބަދަލުކުރާތަނެއްގަ އަހަރެންގެ ދަރިފުޅުގެ މަރުގެ ފަހަތުގަ ތިބިބަޔަކު ހާމަކުރުމުން ލިބޭނެ އިންސާފެއް އެބައޮތްތޯ؟ރައުދާއަށް ފޮނުވި މަރުގެ އިންޒާރު އެ ހޯދީ ބަންގާޅު ސިއައިޑީން.އޭނަގެ މައުލޫމަތު ކަމިޝަނަށް ދިނުމުން ސޫދު ވިދާޅުވި އެއީކާކުކަން.ނަމަވެސް މިއަދު އެބޭފުޅާ އެއިންނެވީ ސްޕްރީމް ކޯޓުގަ!ތިޔަ މަރުކަމިޝަނުގެ ރައީސް އަދި ތިޔަ ކަމިޝަނު އުފެއްދެވި ރައީސް ސޯލިހު ޖެހޭ ދިވެހި ކޮންމެރައްޔިތަކަށް ހައްގު ތެދު ހާމަކޮށްދޭން.ރައީސަކަށްވެސް ސޫދަކަށްވެސް ގާނުނަށްވުރެ މައްޗަކު ނުހުރެވޭނެ.މިއަދު އަހަރެންގެ ދަރި މަރާލާ އެކަން އޮޅުވާލީ.އެމަރުގެ ހަގީގަތް ފޮރުވާ ހެކިނައްތާލަން ދިޔައީ މިހާރުގެ އޭސީޕީރިއާޒު.އޭނާއަށްދިނީ ޕްރޮމޯޝަން.މިއީ އަހަރެމެން ދިވެހި ރއްޔިތުންނަށް ހައްގުވާ މިންވަރަކީ.އަހަރެން މިކަމުގަ މިދައްކަނި ބަޔަކާ ސިޔާސީވެގެން ދައްކާވަހަކައެއް ނޫން.ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ބައްޕައެއްގެ ހައިސިއްޔަތުން މިގޮވަނީ އިންސާފަށް.އަދި ކްރައިމްސީން އާ ޕޮރެންސިކް އަދި ސައިބާ ހެއްކާގަރިނާ ހުރެ ދައްކާވާހަކަ.އަިނިޔާއާ ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއް.ރައޔިތުން ނަށް އިންސާފު ލިބުނުކަމަށްވާނީ އަނިޔާލިބުނު ހުރިހާފަރާތްތަކަށް އިންސާފު ލިބިގެން. ވަގުތު ޖެހުމުންއެއީ ކޮންފަރާތެއްކަން އިރާދަކުރެއްވިއްޔާ ހާމަކުރާނަނަން .އަހަރެންނަށް ބިރު ދައްކަނީ.ލޯޔަރަށް މަރުގެ އިންޒާރު ދެނީ.. #ޑރ.އަފްރާޝީމް #ރިލްވާން #ޔާމީންރަޝީދު #ރައުދާއާތިފް އަށްވެސް އިންސާފު ލިބިގެން

      2
      1
  6. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ސުޢޫދު އަކީ މުޅި ޤައުމަށް ޖެހިފައިވާ ނޮހޮރުއްޕާނެއް. އެކަން މިކޭސް ދިޔަގޮތުން ވެސް އިނގޭ. ރަޢުދާ ގެ ރިޕޯޓު ސުޢޫދު ލިޔެ ނިންމާލީ ކްރައިމް ސީން ވަނީ ކޮން ރާއްޖެއެއްގައި ކަން ސުޢޫދަށް ނޭންގި. ކޮން ރާއްޖެއެއްގައިކަން ކްރައިމް ސީން ވަނީ ސުޢޫދަށް އިނގިގެންތާ އަދި ކްރައިމް ސީން އަށް ގޮސް އެތަން ސުޢޫދަށް ބެލޭނީ !!!