މާއްދިއްޔަތުގެ ހިޔަނީގައި ގައުމު ވިއްކާނުލުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާއްދިއްޔަތުގެ ހިޔަނީގައި ގައުމު ވިއްކާލައިފި ނަމަ އަންނަން އޮތް ޖީލުތަކުން މާފު ނުކުރާނެ ކަމަށާއި، އެއީ ވެވޭ އިހުމާލެއް ކަމަށެވެ.

އަދި އެފަދަ ކަމެއްގައި ގައުމު ވިއްކާލައިފި ނަމަ އެއީ މީގެ ކުރިން ގައުމަށްޓަކައި ޖިހާދު ކުރެއްވި ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިން އަދި ޝަހީދު ހުސައިން އާދަމް ފަދަ ބޭފުޅުން ގައުމަށްޓަކައި ވީ ގުރުބާނީއަށް ކުރެވޭ މަލާމާތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާތް ﷲ މި ގައުމު ޚާއިނުންގެ ކިބައިން ސަލާމަތް ކުރައްވާށި،" މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ތުހުމަތު ކުރަމުން އަންނަ އެއް ކަމަކީ، ސަރުކާރުން ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެއެވެ. ރާއްޖޭގެ މިލްކުވެރިކަމުގައި އޮތް އެއްވެސް އެއްޗެއް ބޭރުގެ ގައުމަކަށް ވިއްކާލުން ގަބޫލު ނުކުރެވޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ސަރުކާރާއި ދެކޮޅަށް އިދިކޮޅުން އެކި ވާހަކަތައް ދައްކަމުން އަންނަ އިރު މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައިވެސް ރާއްޖޭގެ އެކި ތަންތަން ވިއްކާފައިވާކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން މިހާރުގެ ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލުން ފަދަ ކަންކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދީފައިވަނީ ޖޫން 28، 2010 ގައެވެ. އަދި އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ 27 ނޮވެމްބަރު 2012 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަސޮރު

    ކަލޯމެންގެ ސަރުކާރުގައި ޗައިނާއަށް ނުވިއްކުނު އިރު މިސަރުކާރުގައި ވިއްކޭނެ ތަނެއް ދައްކަބަލަ؟

    2
    4
  2. ދޮންކެޔޮ ބުރޯ

    ބޭރުމީހުންނަށް ބިން މިލުކުކުރެވޭ ޤާނޫނެއް މަޖިލިސްއިން ފާސްކުރީ މި ހޮޅި މިނިސްޓަރުމެންގެ ވެރިކަމުގަ، އަދި އެކަން ފާހަގަކުރަން ބޮޑު ޖަލުސާއެއް ބާއްވާ ހަވާއެރުވީވެސް މިމީހުން. މިހާރު ރައްޔިތުންނަށް އޮޅުވާލަން ރައީސް ސޯލިހުގެ ސަރުކާރުން ގައުމުވިއްކަނީއޭ މިކިޔަނީ ރައްޔިތުންނަށް ކޯންޗެއް އޮޅުވާލަންތޯ؟
    މިހަބަރުގައިވެސް އެއާރޕޯޓް ވިއްކާލިއްޔޭ އެއްފަހަރު ލިޔެފަ އަނެއްފަހަރު ކުއްޔަށްދިނީޔޭލިޔެފައޮތީ އޮޅުވާލަންތޯ؟ އެއާރޕޯޓް ދިނީ ކުށްޔައް އެތަންތަރައްޤީ ކުރަން