ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފައި ނުވާ ކަމަށް ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

ޖީއެމްއައިޒެޑްއެލްގެ ހުރިހާ ޒިންމާއެއް، ހުޅުމާލެ ބަލަހައްޓާ ކުންފުންޏާ ހަވާލުކުރިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބޫ ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

އިބޫ "ވަގުތަށް" ވިދާޅުވީ އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލްގެ 99 އިންސައްތަ ހިއްސާ އެޗްޑީސީ އަށް ދިނީ އެޗްޑީސީގެ ދަރަނި ނުދެއްކިގެން ކަމަށެވެ.

ޖީއެމްއައިޒެޑްއެލްގެ މަސައްކަތްތައް އެޗްޑީސީއާ އެއްކޮށްލުމަށްޓަކައި މަޝްވަރާ ކުރަން ފިނޭންސް މިނިސްޓްރީން ވަނީ އޮގަސްޓް 10 ވަނަ ދުވަހު ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވެސް ޖީއެމްއައިިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލަނީ އެޗްޑީސީގެ މާލީ ހާލަތު ދަށްވެގެން ފާހަގަކޮށްފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

"މާޖްކޮށްލަން ނިންމީ. ޒިންމާތައް ހަވާލު ކުރީކީ ނޫން. އެޗްޑީސީ ކޮރަޕްޓްވެގެން، ދަރައިގެން އެސެޓެއް ދެނީ. މާޖް ކުރުމަށް ނިންމާއިރު 2019 ވަނަ އަހަރު އެންމެ ރަނގަޅު ފައިދާއެއް ލިބުނު އެއް ކުންފުނި ޖީއެމްއައިޒެޑްއެލްއަކީ. އަޅުގަނޑުގެ ރީޑިންސްއަކަށް ނުފެނޭ އެހެން ގޮތަކަށް މި ކުންފުނި މާޖް ކުރަން ޖެހޭ ސަބަބެއް." އިބޫ ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް

ޖީއެމްއައިޒެޑްއެލްއިން މިގޮތަށް ބުނި ނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ވަގުތަށް" ވިދާޅުވީ ޖީއެމްއައިޒެޑްއެލް އާއި އެ ކުންފުންޏާ މާޖް ކުރަނީ އެޗްޑީސީ ބަނގުރޫޓުވެގެން ނޫން ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އެގޮތަށް ހަމަޖެއްސީ އެޗްޑީސީ ދަރަނިވެގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ސަބަބަކީ މާލެ ސަރަހައްދުގައި ލޭންޑް އޯންކޮށްގެން ޑިވެލޮޕް ކުރާ ދެ ކުންފުންޏެއް އޮތީމަ އެއް ކުރުން ސަރުކާރުގެ ވިސްނުމަކީ. އައުޓްސްޓޭންޑިން، މެޗުއަވާ އެއްވެސް ލޯނެއް ނުހުންނާނެ" ސުހައިލް ވިދާޅުވިއެވެ.

މި ދެ ކުންފުނ މާޖް ކުރުމާ މެދު ކުންފުނީގެ އިސް ފަރާތްތަކުގެ ބަސް ތަފާތުވުމުން ފިނޭންސް މިނިސްޓްރީން އެކަމުގެ މައުލޫމާތު ސާފުކުރަން އެދުމުން އެ ވުޒާރާއިން ވަނީ ލިޔުމުން އެކަން ސާފުކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައްކަން

    ތަންދޮރު ނުދަންނަ ވައްކަން ކުރުމުގެ ހިސްޓްރީ އޮތްމީހުން ތިތާ ތިބީ...ނަމަވެސް ސުހައިލް އަކީ އިލްމީ ބޭފުޅެއް. އެޗްޑީސީ ގަތިބީ ޕްރޮފެޝަނަލް މީހުން. ދުވަހަކުވެސް ދިޔަ ކޮލެޖެއް ޔުނިވަރސިޓީއެއް ދުނިޔޭގަނެތް...ޓްރޭޑް ޔޫނިއަން ކިޔާ ނަމެއް ހަދައިގެން ހޯދި ވަޒީފާ ގަނޑެއް...ހެޔޮނުވާނެ ވަރަށް ކޮރަޕްޓް ޖާހިލުމީހުން ފެންނަނީ ކައިރިން އެއީ މުޅި ޙަޔާތުގަ ވައްކަންކޮށްގެން ހިފަހައްޓާ ވައްތަރު....ސޯ އިމޭޖިން ހާލަތު...ހުސް ވަގުން....