އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ އެ ކޮމިޓީން ސަސްޕެންޑް ކުރި މައްސަލައިގެ ތަފުސީލުތައް ދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ހަފުތާ ބައްދަލުވުމެއް ބާއްވައި ޝުއައިބަށް ފިޔަވަޅު އަޅަން ނިންމީ މީސް މީޑިއާގައި ޕާޓީގެ އަގު ވައްޓާން އުޅޭ ކަމަށް ބުނެ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމަށް ފާޑުކިޔައި އެ ބޭފުޅުންގެ ކާޓޫންތަކެއް މީސް މީޑިއާގައި ޝުއައިބް އާންމުކުރި މައްސަލައެވެ.

އެ ކޮމިޓީގައި އިންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އަށް ޝުއައިބް ފޮނުވި ސިޓީއެއްގައި ވަނީ އޭނާއަށް ކުރާ ހަތަރު ތުހުމަތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ކޮމިޓީން އަންގާފައިވީ ނަމަވެސް އެއިން ތުހުމަތުގެ ތަފުސީލަކާއި އޭނާ ހިލާފްވީ ޕާޓީގެ އަސާސީ ގަވާއިދުގެ ކޮން މާއްދާއަކަށް ކަން ސާފުވާން ނެތް ކަމަށެވެ.

އެހެންކަމުން ޝުއައިބަށް ތުހުމަތު ކުރާ ކަންކަމުގެ ތަފުސީލުތަކާއި އެ ކަންކަމަކީ ޕާޓީގެ އަސާސީ ގަވާއިދާއި އެ ނޫން ވެސް ގަވާއިދެއްގެ ދަށުން ކުށެއް ނުވަތަ ކޮށްގެން ނުވާނެ ކަމެއް ކަން ބަޔާން ކުރާ މާއްދާތަކާ ހަވާލާދީފައިވާ ލިޔުންތައް ވެސް ހިމެނޭ ގޮތަށް އޭނާއަށް ފޮނުވަން އެދިވަޑައިގެންފައިވެއެވެ.

އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝުއައިބް ވިދާޅުވި ގޮތުގައި އޭނާއަށް ކުރެވޭ ހަތަރި ތުހުމަތަކީ ޕާޓީގެ އަގު ވައްޓާލުމުގެ ތުހުމަތާއި ޕާޓީއާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރުމުގެ ތުހުމަތާއި ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމުގެ ތުހުމަތުގެ އިތުރުން، ރައީސް ސޯލިހް އާއި އެމްޑީޕީގެ ރައީސް ނަޝީދަށް ނިސްބަތްކޮށް ހުތުރު ބަހުން މުއާމަލާތް ކުރެއްވުމެވެ.

ޝުއައިބް ކޮމިޓީން ސަސްޕެންޑް ކޮށްފައިވަނީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަކިކުރުމުގެ މަސައްކަތް ނަޝީދު ކުރައްވަނީ ސަރުކާރަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތު ކުރައްވައި ނަޝީދަށް ފިޔަވަޅު އަޅަން އެދި އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

އަދި، ޕާޓީގެ ރައީސް ނަޝީދަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމަށް ހަސަން ލަތީފް ވިދާޅުވުމުން، އެމްޑީޕީގެ ޗެއާޕާސަން ކަމުން ހަސަން ލަތީފް ވަކިކޮށްދޭން އެދިވަޑައިގެން ޕާޓީގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހްއަށް ވެސް ޝުއައިބް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

ނަޝީދު އެ ގޮތަށް މަސައްކަތް ކުރައްވަނީ ސަރުކާރު ބަލިކަށި ކުރަން އަމިއްލަ ޒާތީ މަސްލަހަތެއްގައި ކަމަށް ޝުއައިބް ތުހުމަތު ކުރެއްވިއެވެ. އެކަމަކު ނަޝީދު ރާއްޖޭގެ ވެރިކަން ދެން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ ޝުއައިބްގެ ތުހުމަތުތައް ދޮގުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާޕެޓް ވަގު

  ޝުޢައިބު ސަސްޕެންޑް ކުރީ ސޮނި ބެޔާ ދެކޮޅު ވީމަ،،،،،

 2. ރަބަރޭ

  އިސްލާމް ދީނާ ގައުމުގެކެ ލޯބިވާ މީހުން ކަންކުރާ ބީއްދައަކުން ނޫން މަނިކުފާނުގެ އަމަލުތައް ތިޔާހުރިއްޔަކީ އެހެލާފާނެ ކަމަށް ހީވީމަ ހަގީގަތް ހާމަތިޔަކުރަށްވަނީ
  އިންޑިއާ އައުޓް

 3. މޯހަން

  ހިޓްލަރ