ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެރީން ގެނައުމަށް ހަމަޖެހިފައި ވަނީ އިމްޕޯޓްކުރާ މުދާ ކަމަށާއި އިތުރު އެހެން އެއްވެސް އެއްޗެއް ރާއްޖެއަށް ނުގެންނާނެ ކަމަށެވެ. މި ފެރީއާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އުފުލުމުގެ ޔަގީންކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އޮޕަރޭޓްކުރާ ކާގޯ އުޅަނދުތަކާއި އިންޑިއާގެ ކާގޯ ފެރީއާ ހުރި ހަމައެކަނި ތަފާތަކީ މި ފެރީއަކީ ޝެޑިއުލް ކުރެވިގެން ބޭއްވޭ ފެރީއަކަށްވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިއާއެކު، ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އިންޑިއާގެ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ޓުޓިކޮރަން އިން ދާނީ ކޮޗިންއަށެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.

މި ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މީގެކުރިން ވިދާޅުވީ ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ ދިވެހިންނަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް، ދިވެހި އުފެއްދުންތައް ޔޫރަޕަށާއި އޭޝިއާގެ ސަރަހައްދުތަކަށް އެކްސްޕޯޓު ކުރުމަށް މިއީ ހުޅުވޭނެ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކާގޯ ފެރީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންޑިއާ އިން ފުރަތަމަ އަހަރު ތިން މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

ކާގޯ ފެރީގެ ސަބަބުން ރާއްޖެ އިން އެކްސްޕޯޓް ކުރާ މުދާތައް ހަމައެކަނި ދާނީ އިންޑިއާ އަށް އެކަނި ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މުދާތައް އެހެން ގައުމުތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ކުރިން ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ހަލުވިކަމާ އެކީގައި މުދާ ލިބޭނެ ފަސޭހަ މަގެކެވެ. އަދި އަގު ހެޔޮކޮށް މުދާ ގެންނަން ލިބޭނެ ދޮރެކެވެ. މިއީ ރާއްޖޭގެ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ލިބޭނެ ފުރުސަތެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ވިޔަފާރިފަސޭހަވަނީ ރާއްޖޭގެވިޔަފާރިވެރިންނައްތޯ ނޫނީ އިންޑިއާގެ އުނގުވިޔަފާރިވެރިންނައްތޯ؟ ކުޅުދުއްފުށީ ހޮނިހިރުބާޒާރަށްވާނީ ކިހިނެއްތޯ؟ މިބާޒާރަކީ އާދައިގެމީހުނަށް ހުޅުވިފައޮތްވަރަށްއުފާވެރިބާޒާރެއް އިންޑިއާގެއުނގުވިޔަފާރިން މިބާޒާރުއުވިގެންދާނެ! ސަރުކާރުބޭނުމަކީއެއީތޯ؟

    16
    1
  2. މިޔޯރ

    މި ކޮން ކަހަލަ އިކޮނޮމިކް މިނިސްތަރެއް. ޑިވެހި ވިޔަފާރި ވެރިންނާ ދަނޑުވެރިން މި ދަތި ދަނޑިވަޅުގަވެސް އިދަ ޖައްސާނެ ގޮތެއް މިނޫނީ ނެތީތޯ. ދެންބުނާނެ ޑޮލަރޭ ލޯބޮލޭ. ގަވައިދާ ހިލާފޭ. ކިހާވަރެއްތޯ ތިބޭފުޅާޔާ ނަ ޝީދާ އިބޫގެ ޖީބަށް

  3. ހަނި

    މިސަރުކާރުން ބޭނުންވަނީ މުސްތަގު ބަލުގާ އިންޑިޔާ ފައިދާާވާގޮތަށް ކަންްކުރަމުން އެގެންދަނީ

  4. ކެނެރީ

    ފެޜީގެ ސަބަބުން ތިޔާގި ވާނެހެއް ހީވަނީ އެހެއް އެއްޗެއްހެއް ހަމައި ބުތިބޭ ކުދިންނަން ވަރަން އުފާވާނެހެއް ހީވަނީ