ދ. ކުޑަހުވަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް "ވަގުތަށް" މިއަދު ވިދާޅުވީ، އެ ރަށުން ފައްސިވެފައިވަނީ މެދު އުމުރުގެ ފިރިހެނެއް ކަމަށާއި އޭނާ ފައްސިވެފައިވާކަން އެނގިފައިވަނީ 14 ދުވަސް ނިންމާލުމަށްފަހު ހެދި ޓެސްޓުގެ ނަތީޖާ އިން ކަމަށެވެ.

ޝާމް ވިދާޅުވީ، ފައްސިވެފައިވާ މީހާގެ އެއްވެސް ކަހަލަ ކޮންޓެކްޓެއް ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް އެމީހާ ގައިން ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އޭނާގެ ހާލު ރަނގަޅު ކަމަށް ޝާމް ވިދާޅުވިއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މާލެއިން ރަށްރަށަށް ދަތުރުކޮށް، ހޯމް ކަރަންޓީނަށްދާ ގިނަ ބަޔަކު ދަނީ ފައްސިވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އަތޮޅު ތެރެއިން ކޮވިޑް-19 ގެ ދެ ވޭދަނަ (ކޭސް) ފެނިފައި ވެއެވެ. އަދި މާލެ ސަރަޙައްދުން އެކަނިވެސް ބަލީގެ 44 ވޭދަނަ ފެނިފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން 9،770 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 1،340 މީހަކަށް ފަރުވާދެމުން ދާއިރު، 96 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 8،390 މީހުންނެވެ. މި ބަލީގައި މިހާތަނަށް 34 މީހަކު ވަނީ ނިޔާވެފައެވެ.