ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކުރޫ ހުށަހަޅުއްވައިފިއެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައި ނުވާ ކަމަށް ބުނެ އުފުލި ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމަށް އާތިފް ގާނޫނީ ވަކީލަކާ ނުލާ ވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އާތިފް ވިދާޅުވީ، ދައުލަތާއެކު އިއުތިރާފް އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި ޕީޖީން އެ ކަމުގައި ވަކި ގޮތެއް ނިންމަން ދެން ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ވެސް ބޭނުންފުޅުވާ ކަމަށެވެ.

އާތިފް އެ ގޮތަށް އެދިވަޑައިގަތުމުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް މައްސަލަ ބައްލަަވާ ގާޒީ ނިންމެވިއެވެ. އަދި ދައުވާ އިއްވުމަށް ދައުލަތަށް ފުރުސަތު ދެއްވިއެވެ. ދައުލަތުން އާތިފްގެ މައްޗަށް އުފުލާ ދައުވާ ޕީޖީގެ ވަކީލުން އިއްވައި ނިމުމުން މިއަދުގެ އަޑުއެހުން ނިންމާލިއެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި އާތިފް ފާހަގަކުރެއްވި އިއުތިރާފް އެއްބަސްވުން ގާއިމް ކުރަން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ކަމާ ގުޅިގެން އާތިފްއާ މަޝްވަރާކޮށް އެއްބަސްވެވޭ މިންވަރެއް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާތަނަށް ވަކި ގޮތެއް ޕީޖީ އިން ނިންމާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ މެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރ. އާއި 500،000 ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އާތިފް ކުރިން މީޑިއާގައި ވިދާޅުވީ އެމްއެމްޕރްސީގެ މައްސަލައަކީ 2014 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 2018 ވަނަ އަހަރުގެ ތެރެޔަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި އެފްއައިޔޫގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުގެ ޖޫން އަށް ކަމަށެވެ. އެމައްސަލައިގައި ކުށެއް ކުރައްވާފައި ނުވާނެ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ހުންނެވި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. ފައިސާގެ މުއާމަލާތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އިޢުތިރާފްގެ އެއްބަސްވުމޭ ތި ކިޔަނީ މަތިއޮމާންކޮށްލަންތަ؟ ރީތިބަހުން ޑީލެކޭ ބުނީމާ ނިމުނީނު! ދެން ތި ހުރިހާކަމެއް ޔާމިނުގެ ބޮލަށް ކަނޑާލަން ދޮގުތަކެއް ހެދީމާ ކަލޭ ސަލާމަތްވާނެ މަކަރަކާމެދު ތި ވިސްނަނީ!

  2. ޢަލީ

    އަނެއްކާ ޔާމީނާ ދެކޮޅަށް ހެއްކަކު ހަޔަރކުރަނީދޯ؟ އޯކޭ ދެންވެސް ސަރުކަރުތައް އަންނާނެ. މިހާރު މިތިބަމީހުން އަބަދު ތިބޭނެކަމަށް ނުދެކޭތި، ދެން އަންނަ ރާޅުތައް ބޮޑެތިވާނެ، މިހާރުގެ ތަޖުރިބާއިން އެ ރާޅުތައް ބޮޑުވެފަ ގެއްލުންތައްވެސް ބޮޑުވާނެ.

  3. ކެޔޮޅުބޭގޯތި އާދަނު

    ކިތަންމެ ވަރެއްދެއްކިޔަސް ސޯލިހުގެ އުމުރުގެބާކީ ބައިހޭދަކުރަންޖެހޭނީ ޖަލުގައިކަން އެބައެނގޭ ހަދާނެއެއްޗެއް މިހާރު ހަދާ ފަހުންއޮތީ ޖަލް.