ތިމާވެށި ރައްކާތެރިކޮށް ދެެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނީ އައްޑޫގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި މާފިށި ކިޅި ސަރަަހައްދާއި މަތިކިޅި ސަރަހައްދު، މިއަދުން ފެށިގެން ހިމާޔަތްކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިމާޔަތް ކުރި ސަރަހައްދު ތަކުގައި ހިމެނޭ ކުޑަކަނޑު ސަރަހައްދަކީ ގަލާއި މުރަކަ ގިނަ، އަދި އެކި މަހުގެ ބާވަތްތަކާއި ދިރުންތައް ގިނަ، ގުދުރަތީގޮތުން މުއްސަނދިތަނެކެވެ. ނެތިދިޔުމުގެ ބިރު ހީވެފައިވާ ވެލަ އާއި ވައިފިޔަ މަޑި އަދި ކޯމަސް މި ސަރަހައްދުގައި ގިނަ އެވެ.

މިކަނޑު ހިމާޔަތް ކުރުމުގެ އެއް ބޭނުމަކީ މިދިރުންތަކަށް ރައްކާތެރިކަން ހޯދައިދިނުމެވެ.

މާކިޅި އާއި ފެހެލި ކިޅި އަކީ ހިތަދޫ އިރުދެކުނު ފަރާތުގައި އޮންނަ ޗަސްބިމުގައި ހެދިފައިވާ ދެ ކުޅިއެވެ. މިއީ ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދޭ ދެ ކުޅިއެވެ. އަދި މި ތަން، ދަނޑުވެރިކަމަށް ވެސް ބައެއް މީހުން އަންނަނީ ބޭނުން ކުރަމުންނެވެ. ލޮޓަސް ގިނައިން ފެންނަ މި ކުޅިތަކަކީ މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނިތައް އާންމުކޮށް ޖައްސާ ކުޅިތަކެކެވެ.

ހިމާޔަތްކޮށްފައިވާ ކުޑަކަނޑުން މުރަކަ އާއި ގާ ނެގުމާއި މަސް ހިފުމަކީ މަނާ ކަމެކެވެ. އަދި ކުޅިތަކުން، ދޫނި ހިފުމާއި އެ ދިރުންތަކަށް ގެއްލުން ދިނުމާއި ކުނި އެޅުމަކީ މަނާ ކަމެކެވެ.