ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމުގައި އޮންނަ އިންޓަވިއު މަރުހަލާއަށް ބަދަލުތަކެއް ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކުގެ އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ އެ ގަވާއިދުގައި ވަނީ ކުރިން ވެސް އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތަށް ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައަޅާނީ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އެކަމަކު ކުރިން އަމަލު ކުރާ އުސޫލަކީ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނެގުމެވެ. އާ ގަވާއިދުގައި ބުނާ ގޮތުން މެންބަރުންގެ މެދުގައި ވޯޓު ނަގަން ޖެހެނީ މެންބަރުން އަތް އުފުލާ ގޮތަށެވެ. އެކަމަކު މެންބަރުން ވޯޓު ލާފައިވާ ގޮތް އާންމު ކުރާކަށް ވަކި ނެތެވެ.

ޖޭއެސްސީ އިން ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމުތަކަށް ކުރިމަތިލާ ކޮންމެ ފަނޑިޔާރަކު އެ ކޮމިޝަނުން އިންޓަވިއު ކުރަން ޖެހޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ.

އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ކަނޑައެޅުމުގެ ގަވާއިދެވެ.

ކުރިން އޮންނަ ގޮތުން ނަމަ ކުރިމަތިލާ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފެންނަ ފަނޑިޔާރުން "ޝޯޓް ލިސްޓް" ކުރެވި އިންޓަވިއު ކުރެވެނީ އެ ފަނޑިޔާރުން އެކަންޏެވެ. ގަވާއިދަށް ގެނައި އެ ބަދަލުގެ ސަބަބުން "ޝޯޓް ލިސްޓް" ކުރުމުގެ މަރުހަލާއެއް މިހާރަކު ނޯންނާނެއެވެ.

އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް މާކްސް ދެވޭ އުސޫލަށް ވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ. ކުރިން އޮންނަނީ އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް ވަކި ޖުމުލަ އަދަދަކުން ޕޮއިންޓް ކަނޑައަޅާ އުސޫލެކެވެ. އެކަމަކު އާ ގަވާއިދުގައި ވަނީ ތިން ކެޓަގަރީއަކަށް ގްރޭޑް ކުރުމަށެވެ. އެއީ "ހައިލީ ރެކޮމެންޑެންޑް" ނުވަތަ "ރެކޮމެންޑެޑް" ނުވަތަ "ނޮޓް ރެކޮމެންޑެޑް" އެވެ.

އިންޓަވިއު ކުރެވޭ ފަނޑިޔާރުންގެ ގްރޭޑް ޝީޓެއް އެކުލަވާލަން ވެސް ގަވާއިދުގައިވެއެވެ. އަދި އިންޓަވިއު ނިމުމުން އިންޓަވިއު ޕެނަލްގައި ތިއްބެވި ބޭފުޅުން އެ ގްރޭޑް ޝީޓްތަކުގައި ވަގުތުން ސޮއި ކުރައްވަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ކޮމިޝަންގައި ފަނޑިޔާރުންނަށް ވޯޓަށް އަހާނީ ގްރޭޑް ކުރެވިފައިވާ ތަރުތީބުންނެވެ. އެއް ފަނޑިޔާރަކަަށް ވުރެ ގިނަ ފަނޑިޔާރުންނަށް އެއް މިންގަނޑަކަށް ގްރޭޑް ކުރެވިފައިވާނަމަ ވޯޓަށް އަހާނީ ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވި މުއްދަތުގެ ތަރުތީބަށެވެ.

އިންޓަވިއު ކުރެވުނު ފަރާތްތަކަށް އެ ފަނޑިޔާރަކު އިސް ފަނޑިޔާރު ކަމަށް އިންތިހާބު ކުރެވުނު ކަން ނުވަތަ ނޫން ކަން ކޮމިޝަނުން އަންގަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.