ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށެވެ. މި ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެމަނިކުފާނު ދެއްވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އެގޮތުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. ހުސެއިން ނިޔާޒެވެ. ޔޫއޭއީގައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވީ އާމިނަތު ޝަބީނާއެވެ. އަދި ޕާކިސްތާންގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވީ ފަރުޒާނާ ޒާހިރެވެ.

ހުސައިން ނިޔާޒު އެންމެ ފަހުން ހުންނެވީ ޔޫއޭއީ އިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. އަދި، އޭނާ ވަނީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައިފައެވެ. ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ހާސިލް ލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަބީނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި، އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ޝަބީނާ އަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކަނޑައެޅުއްވި ފަރުޒާނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވައިފައެވެ. ފަރުޒާނާ އަކީ ނިއުޒީލެންޑުން މާސްޓަރ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެކް

    ޕާކިސްތާނާ ގުޅުން ބަދަހިކޮށް ފަސޭހައިން ދިވެހިންނައް ގޮސްއުޅެވޭ ގައުމަކައް ޕަކިސްތާން ހަދަންޖެހޭ އަދި ޕާކިސްތާނައްދާ ދިވެހިންނައް އިންޑިއާއިން އުދަގޫ ނުކުރާނެ ގޮތްވެސް ހަދައްޖެހޭ ދިވެހިންނައް ދިވެހި މިވިވަންކަމާއެކް ކޮށްމެ ގައިމަކައްވެސް ދެވެންޖެހޭނެ.

    18
    1
  2. ނ

    ޕާކިސްތާނަށް ދިވެއްސަކު ދިޔަ އަސް އިންޑިޔާއިން ފާރަލާ
    ޢަދި ކަސްމީރު ސަރަހައްދަށް ދާން އުޅުނަސް ހިފަހައްޓާ
    މިކަން ކުރަނީ ދިވެހި ސަރުކާރަށް ޕްރެސަރު ކޮށްގެން