ރާއްޖޭގައި ހިންގަމުން އަންނަ ކުދި ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ފަސް މިލިއަން ޑޮލަރުގެ "މުރަބަހަ ފައިނޭންސިން ފެސިލިޓީގެ" ނަމުގައި އެހީ ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޮއިކޮށްފިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިޓީއެފްސީއާ އެކީގައި އެފަދަ އެހީއެއްގައި ސޮއިކުރި ފުރަތަމަ ބޭންކެވެ. މިފަދަ އެހީއެއް ލިބިފައި ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ގޮންޖެހުންތަކާއި ދަތިތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިންގް ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އެ ބޭންކުން ދިޔައީ ވިޔަފާރިތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރު ކޮށްދެމުން ކަމަށެވެ.

"ބީއެމްއެލް އިން އައިޓީއެފްސީއާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް ފަސް މިލިއަން ޑޮލަރުގެ މާލީ އެހީ އެއް ފޯރުކޮށްދެނީ. މީގެ މަގުސަދަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެހީވުން. މި ފައިސާ ދޫކުރަނީ އައިޓީއެފްސީގެ ފައިނޭންޝިއަލް ސަޕޯޓް މެދުވެރިކޮށް" ޓިމް ވިދާޅުވިއެވެ.

މުރާބަހާ ފައިނޭންސްއާ ގުޅޭ ގޮތުން އައިޓީއެފްސީގެ ސީއީއޯ، ހަނީ ސަލެމް ސޮމްބޮލް ވިދާޅުވީ، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއާއި ގުޅިގެން މަސައްކަތް ކުރެވޭތީ އާއި މުދާ އިމްޕޯޓްކުރުމަށް ބީއެމްއެލްއާ ގުޅިގެން ފައިނޭންސް ތައާރަފް ކުރެވޭ ކަމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"މިގޮތަށް ދެވޭ އެހީގެ ދަށުން މެމްބަރު ގައުމުތައް އިޖުތިމާއީ އަދި މާލީ ގޮތުން ކުރި އަރާނެ. ވިޔަފާރިތަކަށް މިގޮތަށް އެހީވުމުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ." ސޮމްބޮލް ވިދާޅުވިއެވެ.

އައިޓީއެފްސީން ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖުގެ ދަށުން ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތަކަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނ ރަސޯދު

  ވަކި ބަޔަކަށް ތި ލިބޭނީ

  10
  1
 2. ތިޖޫރީ

  ގާސިމް އެއީ ވަރަށް ކުޑަވިޔަފާރިއެއް ހިންގާމީހެއް އެންމެފުރަތަމަވެސް ގާސިމް އަށް ތީގެން އެހީއެއްވެދީ. ފަސްރިސޯޓްއާއި އެއަރޕޯޓެއް ހިންގިޔަސް ތިދޭން އެންމެ އައުލާކަން ބޮޑީ ގާސިމް އަށް

 3. ދިސްވޭ

  މިމަގުން ނޫންތޭ ސަރުކާރުން ލޯން ނަގަންވީ ބީއެމްއެލް އަށް ޑޮލަރު ލިބޭނެ އުސޫލުން ޖަޕާން އަދި ޗައިނާ އަދި ސިންގަޕޯރ ބޭންކްސް ތަކާއި ބީއެމްއެލް ގުޅިގެން މިގޮތަށް ޑޮލަރުގެ ފެސިލިޓީސް ހޯދަން އުޅުނު ނަމަ އިންޑިއާ އިން ކްރެޑިޓް ލައިންގެ ދަށުން 800 މިލިއަން ޑޮލަރު ނެގުމަށް ވުރެން ގައުމަށް މާބޮޑު ތަން ފައިދާ ވީސް ކަން ކަށަވަރޭ އިންޑިއާ އިން ތިޔާދޭ ކްރެޑިޓް ލައިންގެ ހިތި ފެންނަން ފަށާނެ އަންނަ އަހަރު ބަލަން ތިބި ބަޔަކަށް ފެންނާނެ ތިޔާ ކަން ވަރަށް ރަނގަޅަށް...