އައްޑޫ ސިޓީގެ ނޭޗަ ޕާކްގެ ހަލާކުވެފައިވާ ބައެއް ސަރަހައްދުތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އައްޑޫ ނޭޗަ ޕާކުން މިއަދު ބުނީ، ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމަށް މިއަދު ބަންދު ކޮށްފައިވާ ކަމަށާއި މަރާމާތަށް ފަހުން އަލުން ހުޅުވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދިމާވާ ދަތިކަމަށް މާފަށް އެދޭ ކަމަށެވެ.

މަރާމާތު ކުރުމަށް ފަށާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ނޭޗާ ޕާކްގައި ލަކުނޑިން ހަދާފައި ހުރި ގިނަ ތަންތަނެވެ. ލަކުޑިން ހަދާފައިވާ އެތަންތަން ފީވެ ބިންދައިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ނޭޗާ ޕާކްގެ ތެރޭގައި ހިނގަން ހަދާފައިވާ ދިގު ލަކުޑި ފާލަމުގެ އެކި ތަންތަނާއި އެކި ސަރަހައްދުތަކުގައި ލަކުޑިން ހަދާފައިވާ ޕޯސްޓު ފަދަ އެއްޗެހި ހިމެނެއެވެ.

އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ހެދި އައްޑޫ ނޭޗަ ޕާކަކީ ޗުއްޓީ ހޭދަ ކުރުމަށް އައްޑު އަށްދާ ގިނަ ބަޔަކު މޫދަށް އެރިލުމަށާއި ޕިކްނިކް ހެދުމަށާއި ކެނޯ ޕެޑަލް ބޯޓު ދުއްވުން ފަދަ ކަންކަމަށް ޒިޔާރަތް ކުރަމުން އަންނަ ތަނެކެވެ.

އައްޑޫ ނޭޗަ ޕާކްގައި ޖުމްލަ ތިން ބްރިޖަކާއި އެއް ޕްލެޓްފޯމެއް ހަދާފައި ހުރެއެވެ. އެތަނުން ހުރިހާ ބްރިޖުތަކުގައި އަޅާފައިވާ ވަކަރުގަނޑުތައް ވަނީ ފީވެ ހަލާކުވެފައެވެ. އަދި ޕްލެޓްފޯމުގެވެސް ބައެއް ތަންތަން ވަނީ ހަލާކުވެގެން ގޮސްފައެވެ. އެހެންކަމުން މިތަން މަރާމާތު ކުރުން އަވަހަށް ނުފެށިއްޖެނަމަ، ތަން އެއްކޮށް ވީރާނާވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އައްޑޫ ނޭޗަ ޕާކަކީ އައްޑޫގެ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން ވޯލްޑް ބޭންކުން މެނޭޖްކޮށްގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު