ކޮރަޕްޝަންގެ ހިރާސްތައް (ރިސްކް) ކުޑަ ކުރެވޭނެ ގޮތަށް މާލިއްޔަތު ގަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ޓަކައި ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އާންމުކޮށް ބިޑް ކުރުމެއް ނެތި މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި އޮންނަ 10.27 މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފިނޭންސްގައި އެދިފައެވެ. އެ މާއްދާ އުވާލަން މީގެ ކުރިން ވެސް އެ މިނިސްޓްރީގައިި އެދިފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސްގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ މި އަހަރުގެ ޖުލައި މަހުން ފެށިގެން އޭސީސީއާއި، ފިނޭންސް މިނިސްޓްރީއާއި، އޮޑިޓަ ޖެނެރަލްއާއި އެޓާނީ ޖެނެރަލް ގުޅިގެން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ޖުލައި މަހު މަޝްވަރާތައް ފެށުމުގެ ކުރިން ފިނޭންސް އިން އިސްވެގެން ގަވާއިދަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގަވާއިދަށް އިތުރު އިސްލާހުތައް ގެނައުމުގެ ހުށަހެޅުންތައް ވެސް މުއައްސަސާތަކުން ލިބެމުންދާ ކަމަށާއި ހަތަރު މުއައްސަސާއިން ސިލްސިލާކޮށް ކުރަމުންދާ މަޝްވަރާގައި ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކަމަކު، އޭސީސީ އިން ހުށަހަޅާފައިވާ ގޮތަށް މާއްދާ 10.27 އުވާލުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މި ދެންނެވި ހަތަރު މުއައްސަސާގެ ބޭފުޅުން ތިއްބަވާ ގޮތަށް ކޮމިޓީއެއް އޮންނާނެ، އޭސީސީގެ ހުށަހެޅުން ވެސް، އެހެން މުއައްސަސާތަކުގެ ހުށަހެޅުން ވެސް، އެ ކޮމިޓީގައި މަޝްވަރާކޮށް ފަހު ގޮތެއް ނިންމާނީ،" އޮފިޝަލް ތަފްސީލް ކޮށްދެއްވިއެވެ.

މި މާއްދާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އެފަދަ ގޮތަކަށް އިސްލާހު ކުރެވުނު މާއްދާއެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އެ މާއްދާ އިސްލާހު ކޮށްފައެއް ނުވެއެވެ.

ބިޑް ނުކޮށް މަޝްރޫއު ހިންގަން ސަރުކާރަކަށް 130 އަށް ވުރެ ގިނަ ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 20 މަޝްރޫއެއް ބިޑް ނުކޮށް ހަވާލު ކުރުމަށް މަޝްވަރާ ކުރެެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވެސް ދާދި ފަހުން ވިދާޅުވެފައިވެއެވެ.

އެ މާއްދާގައި ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ޤައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާއަތަކަށް ނުވަތަ ސަރުކާރަށް ގަބޫލު ކުރެވޭ ފަރާތަކަށް ބިޑް ކުރުމެއް ނެތި، ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ.

އެ ގޮތުން މަސައްކަތް ހަވާލު ކުރަން ބޭނުންވާ މިނިސްޓްރީ ނުވަތަ ދައުލަތުގެ މުއައްސަސާއިން ފިނޭންސް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅައި މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ހޯދަން ޖެެހޭނެ ކަމަށް އެ މާއްދާގައިވެއެވެ. މިނިސްޓަރަށް ފޮނުވާ ލިޔުމުގައި މަސައްކަތުގެ ބާވަތާއި މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލު ކުރާ ފަރާތް ހިމެނޭ ގޮތަށް ލިޔުމުގައި ބަޔާން ކުރަން ޖެހޭނެ ކަމަށާއި ލިޔުން ފޮނުވާނީ އެ ތަނެއްގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    ކާނެވަރަކަށް ކައިނިމުނީދޯ..! ކީއްވެތޯ ކުރިންތިކަން ނުކުރީ...!! ގައުމު ބަނޑައް ޖައްސާފަ. ކިހާމޮޅު.

  2. ޑައެލޯގް

    ވެރިކަމަށް އަންނަންވެގެން ބުނީ ކޮރަޕްޝަނެއްނޯންނާނެޔޭ " ޒީރޯ ޓޮލަރެންސް" މިހާރު ތިބުނަނީ ކޮރަޕްޝަން ކުޑަކުރާނިއްޔޭ، ދެން މާދަމާބުނާނީ ކޮރަޕްޝަންއޮތަސް ގައުމައިގެން ތަރައްގީޔާއެކު ކުރިއަށްދާނީޔޭ