މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި، ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތުން ހުރި ކަންބޮޑުވުންތައް ޕެޓިޝަނެއްގެ ގޮތުގައި ރެސްޓޯރަންޓުތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އީޓަރީ އެސޯސިއޭޝަން (އެމްއީޔޫ)ގެ ފައުންޑަރެއް ކަމުގައިވާ ހާޒިމް ރަޝީދު ވިދާޅުވީ މި ބަލިމަޑުކަމުގެ ސަބަބުން ރެސްޓޯރެންޓުތަކަށް އެތައް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އަދި އެކަންކަން އެމްއީޔޫގެ ފަރާތުން ވަނީ ކަމާއި ގުޅުންހުރި ގިނަ އިދާރާތަކަކަށް ހުށަހަޅާފައި ކަމަށާއި، މިކަމަށް އަދިވެސް އެދެވިގެންވާ ހައްލެއް ސަރުކާރަށް ހޯދައިދެވިފައި ނުވުމުން ހިތާމަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕެޓިޝަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އެމްއީޔޫން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ޚިދުމަތްދެވޭ ގަޑިތަކަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން %70 އާއި %80 އާއި ދެމެދުގެ ދަށްވުމެއް ކޮންމެ ދުވަހެއްގެ ވިކުރާއަށް އައުމާއި، ރޭގަނޑު 8 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުންމަނާކުރެވިފައި ވާތީވެ ކާބޯތަކެތި ޑެލިވެރީކޮށް ޚިދުމަތްފޯރުކޮށްދިނުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވުމާއި އަދި ކުނިއުކުމުގައި ވެމްކޯއިންނަގާ އަގު ބޮޑުވުމާއި އެކު އެ ޚިދުމަތް ހޯދުމަށް އިތުރު ފަރާތަކަށް ދިޔުމުގެ ފުރުސަތު ނެތުމާއި އެކު އެ އަގު މިފަދަ ނާޒުކު ދަންޑިވަޅެއްގައި ހެޔޮކުރެވޭނެ އެއްވެސް އިތުރު ގޮތެއް ނެތުން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ކަރަންޓު، ފޯނު ފެން ފަދަ ޒަރޫރީ ބޭނުންތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ފައިސާދެއްކުމުގައި ބަހާލެވޭނެ ނުވަތަ ލުޔެއްލިބޭނެ ފަސޭހައިންތިޒާމެއްނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވިޔަފާރިއަށް ކުރިމަތިވަމުން ދިއުމާއި ވަޒީފާގައި ތިބޭ ދޭސީން އަދި ބިދޭސީންގެ މުސާރަ އާއި އިނާޔަތްތަށް ދިނުމުގައި ދަތިދުވަސްކޮޅަކަށް ވީހިނދު ދިވެހި ކޭޝިއަރުންނާއި އެހެނިހެން މަގާ މުތައްފުރަމުންދާ ބޭފުޅުން ވަޒީފާ ދޫކުރުމާއިއެކު އާކުދިން ނަގައި އެ ކުދިން ތަނަށް ފަރިތަކުރުމާއި ތަމްރީނުތައް ދިނުމުންވެސް ދިވެހިން ވަޒީފާގައި ގާއިމުވެ ތިބުމަށް އުޒުރުވެރިވާ މައްސަލަ ވަނީ މި ޕެޓިޝަނުގައި ފާހަގަކޮށްފައެވެ.

އެ ޔޫނިއަންގެ ފަރާތުން ވަނީ މިކަންކަމަށް ހައްލުތަކެއްވެސް ހުށަހަޅާފައެވެ. އެގޮތުން ހުށަހަޅާފައިވާ ހައްލުތަކުގެ ތެރޭގައި އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތްވާގޮތަށް ރައްކާތެރިކަމާއި އެކު ކެފޭ ރެސްޓައުރަންޓް އަދި ކާބޯތަކެތި ވިއްކާ ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގައި ރޭގަނޑު 11:00 އަށް ޚިދުމަތްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވަނީ އެދިފައެވެ.

އެމްއީޔޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު އަލީ

އަދި ހުއްދަނަގަންޖެހޭ ފަރާތެއްގެ ހުއްދައާއިއެކު ރޭގަނޑު ދޭއް ޖެހުމާއި ހަމައަށް އެއްގަމުއުޅަނދު ގައި ޑެލިވެރީގެ ޚިދުމަތް ދެވޭނެ މަގުފަހި ކޮށްދިނުމާއި ޑެލިވަރީ ކުރާފަރާތްތަކަށް ޚާއްސަކުރެވިފައިވާ ހުއްދައެއް ކަމާބެހޭ ފަރާތްތަކުން ދެއްވުމާއި އެކު ކާފިއު ގަޑީގައިވެސް މި ހުއްދައާއިއެކު ޑެލިވެރީ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ އިތުރުން ދިވެހި ކޭޝިއަރުން ވަޒީފާގައި ތިބުމަށް ލާޒިމުކުރުން މިދަނޑިވަޅުގައި ހުއްޓާލުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފައެވެ.

އަދި ވެމްކޯ އިން އެކަނި ކުނިއުކޭ ގޮތައް އޮތް އޮތުން ބަދަލުކޮށް މިވަގުތައް އެހެންފަރާތްތަކާއި ހަވާލުކޮށްގެންވެސް ކުނި އުކިދާނެ ގޮތެއްހަމަޖައްސައިދިނުމާއި، ޒަރޫރީ ބޭނުންތަކުގެ ބިލްތަށް ކަރަންޓު ފެން ފޯނު ފަދަ ޚިދުމަތްތަކުގެ ބިލް ބަހާލައިގެން ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެ ޕެޓިޝަންގައި އެދިފައި ވެއެވެ.

އަދި އަދިނުދެއްކި ހުރި ބިލްތައްވެސް ބަހާލައިގެން ދައްކާލެވޭނެ ލުއި ގޮތްތަކެއް ކަނޑައަޅައިދެއްވުމާއި އެކު މި ކަމަށް ލުއި ގެނެސްދިނުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފައެވެ. މި ލުޔާއެކު ސަބްސިޑަރީއެއް ވިޔަފާރި ތަކަށް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣ

    ހަޑި މުޑުދާރުކޮށް ކާއެއްޗެހި ހަދާ ރެސްޓޯރަންޓްތަށް އެކީ ބަންދު ކުރަންވީ... ސިއްހީ ނުރައްކަލެއް... ރެސްޓޯރަންޓްތަކުގެ މުޑުދާރު ކަމާމެދު ކަމެއް ކުރިއްޔާ މާރަގަޅު ވާނެ

  2. ގ

    ރެސްޓޯރަންޓް ތަކުގެ ބަދިގެތަށް ފެނުނަސް މީހަކު ފަކުރުގަންނަ ވަރުވާނެ... ދެތިން ބަންގްލަދޭޝް މީހުން ލާފަ ރެސްޓޯރަންޓްތަކުގެ ވެރިން ތިބެނީ ގޭގަ.. . ރެސްޓޯރަންޓްގެ ސާފްތާހިރު ކަން ވަރަށް ދަށު ފެންވަރުގަ ހުންނަތަން ފެންނަނީ.. މީ ވަރަށް ދެރަކަމެއް... .