ބާސާގެ ޒުވާން ސްޓްރައިކާ އަންސޫ ފަޓީގެ އެއްބަސްވުން އެ ކުލަބުން އާކޮށްފިއެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ފަޓީ އެއްބަސްވުން އާކުރިއިރު އޭނާ ހޯދަން ބޭނުންވާ ކުލަބަކުން ރިލީސް ކްލޯސްގެ ގޮތުގައި 400 މިލިއަން ޑޮަލަރު ބާސާއަށް ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ. މިހާތަނަށް ގިނަ ރެކޯޑު ތަކެއް ހަދާފައިވާ އުމުރުން 17 އަހަރުގެ ފަޓީ ބާސާގެ ސީނިއާ ޓީމާއި ގުޅުނީ މިދިޔަ އަހަރު އޮގަސްޓު މަހުގައެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައިވާ ފަޓީ އަކީ ބާސާގެ ޖާޒީގައި ވެސް އެ ޓީމަށް ލަނޑު ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރާ ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައިވެސް އެ ޓީމަށް މެޗެއް ކުޅެދިން އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

އަދި މީގެ އިތުރުން ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ. ސްޕެއިންގެ ގައުމީ ޓީމުން ފަޓީ ދާދި ފަހުން ޖާގަ ހޯދިއިރު މި މަހު ކުރީ ކޮޅު ނޭޝަންސް ލީގުގައި ޔޫކްރޭނާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ފަޓީ ކާމިޔާބު ކުރި ލަނޑާއިއެކު އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް ލަނޑު ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ބާސާއަށް މިހާތަނަށް ފަޓީ 33 މެޗު ކުޅެދީފައި ވާއިރު އޭނާ ވަނީ އެ ޓީމަށް އަށް ލަނޑު ކާމިޔާބުކޮށް ދީފައެވެ. ގިނަ އަދަދަކަށް ރެކޯޑު ހަދާފައިވާ ފޯވާޑް ފަޓީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ގިނަ ބަޔެއްގެ ލޯތަށް ދަނީ އޭނާއަށް އަމާޒުވަމުންނެވެ.