ހެލްތު މިނިސްޓްރީގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެނ މިނިސްޓަރު އަބްދުﷲ އަމީންއާ މެދު އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހެލްތު މިނިސްޓަރެއް ނެތް އިރު، ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ނުހަނު ބޭނުން ޖެހިފައިވާ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ތަކެތިން ވައްކަން ކޮށްފައިވާއިރު، އަދިވެސް އެއިން ފަރާތަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެެއް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހިންގާފައިވާ މުއާމަލާތްތައް އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި އިރު ހެލްތު މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީ އިން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. މިކަމާ ގުޅިގެން މިނިސްޓަރ އަމީން އަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމާއި އެކު އޭނާ ވަނީ އަމިއްލަ އަށް މަގާމުން ދުރުވެފައެވެ. އެކަމަކު، އެކަން އަމީން ދޮގު ކުރައްވައެވެ. މާލިއްޔަތު ކޮމިޓީގައި އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

މިހާރު ހެލްތު މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި އޮތީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމްއާއެވެ. މިނިސްޓަރ އަމީން މަގާމުން އެކަހެރިވެވަޑައިގެންނެވިއިރު، އެ އޮޑިޓު ރިޕޯޓާއި ގުޅިގެން ފުލުހުންނާއި އޭސީސީގެ ޖޮއިންޓު ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފައެވެ.

އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން ވަނީ މުޅި ޖުމްލަ 305،975 ޕީޕީއީ ގަތުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާ ގަތުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑަށެވެ. އަދި ތަކެތި ގަތުމަށް އެޑްވާންސްކޮށް ފައިސާ ވެސް ވަނީ ދައްކާފައެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ހަވާލު ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައަހުމަދު

    ގިނަރައްޔަތުން ތުހުމަތު ކުރާގޮތުގަ ފިނޭންސް މިނިސްޓަރަށް ވެސް ފިޔަވަޅު އަޅަން ޖެހޭ. އެކަމު ކިހިނެއް އަޅާނީ މިއުޅެނީ އެއްގުރޫޕެކޯ ކިޔާއަޑު އިވެނީ ހުސް ބުރޯގެ މީހުންނޯ. އެއީ ތެދެއްބާ؟

    16
  2. މާޟީ

    ކަލޭމެން ނައް އޯކޭވާނެ ގައުމު ވިއްކާ އިރުވެސް..

    19
  3. މުހައްމަދު އަންޖުމް

    ކިހާބޮޑުވެއްޖެކަމެއް ބަލަގަ ކޮއިފުޅުގެ މިނިސްޓަރުގެ ނާގާ ބިލްކަން ވަކިދެރަތަ އެހެރަ ހުކުރުމިސްކިތް ބަންދުކޮށްބުޅަލާ މީދަލަށް ގޯތިދޫކޮށް ފާޑެއްގެ މިނިސްޓްރީއެއްގެ ނަމުގަ ދޮގާ މަކަރާ ހީލަތުން ކަޅުވަކަރު މިސްކިތްގެނެސް ބޮޑުސަރަ ހައް ދެއް ބަންދުކޮށް ކުނިއަޅައިގެން ކުނިކަހާއެހަދަނީ ހަމަކުރަން އެންމެރަގަޅު ކަމަކީތަ ތެދެއްތިމާގެ މީހާ ވައްކަން ކޮށްފިއްޔާ މުން އޯކޭ އެހެންމީހަކު ކޮއްފިއްޔާމުން ފިސާރިކަމަކަށް ވޭދޯ

    13
    1
  4. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ފައިސަލް ނަސީމް އާއި ޙަވާލު ކުރާ ދަރަޖަ އަށް އިބޫ ގެ ކަންތައްތައް ގޮސްފި. (1) އަމިއްލަ ޕާޓީ އަށް "ބޭވަފާތެރި" ވެއްޖެ. (2) އަމީނު އަމިއްލަ އަމިއްލަ އަށް ސިޓީ އެއް ފޮނުވާލާފައި ގޭގައި. މުސާރަ ބަރާބަރަށް ހިނގައި. (3) ޤައުމަށް ދިމާވި ހެލްތު އިމަރޖެންސީ އެއްގައި ހެލްތު މިނިސްޓަރ އެއް ނެތް. ދެ މިނިސްޓްރީ އެއް އިންސާނަކު ހިންގާނީ ކިހިނެތް ؟ (4) މަރުތަކުގެ ސިއްރު ހޯދާ ދޭނަމޭ ކިޔައިގެން ވެސް އިބޫ ހެދީ ދޮގު. މިހާތަނަށް އިބޫ އެކަމަށް މުޙިއްމު ކަމެއް ކުޑަކޮށްވެސް ނުދޭ. (5) އެމް.އެމް.ޕީ.އާރ.ސީ ގެ ލިސްޓް އިބޫ ގެ ވަތް ގަނޑުގައި. (ކިޔަވައިގެން ހުރި މީހަކު ރައީސް ކަމުގައި ހުރުން މުޙިއްމު ކަން މީގެން ދައްކުވައިދެނީ. އިބޫ އަކީ ކިޔަވައިގެން ހުރި މީހެއް ނޫންވީމާ މިހެންދިމާވަނީ).

    8
    1