މާލިއްޔަތު ގަވާއިދުގައި އޮންނަ ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވަނިކޮށް، މާއްދާ މުޅިން އުވާނުލައި ބަދަލުތަކެއް ގެނައުމަށް ފަހު ގެޒެޓް ކުރަން ފޮނުވައިފިއެވެ.

ފިނޭންސް އިން އިސްނަގައިގެން އޭސީސީއާއި، އޮޑިޓަ ޖެނެރަލްއާއި، އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ކޮމިޓީއެއް މިދިޔަ ޖުލައި މަހު އެކުލަވާލިއެވެ. މާލިއްޔަތު ގަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުން ދިޔަ ކަމަށް ބުނެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަތަރު މުއައްސަސާ ހިމެނޭ އެ ކޮމިޓީގެ ތާއީދު ލިބިގެން މާލިއްޔަތު ގަވާއިދުގެ 10.27 މާއްދާއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރ އަމީރުގެ ޓްވީޓްގައި މާލިއްޔަތު ގަވާއިދުގެ އެ މާއްދާއަށް ގެންނަ އިސްލާހުގެ ދެލިކޮޕީގެ ކަރުދާހެއް ވެސް ހިއްސާ ކުރައްވާފައިވެއެވެ.

އެ ކަރުދާހުގައިވާ ގޮތުން، ދެން ބިޑްނުކޮށް މަޝްރޫއު ހަވާލު ކުރެވޭނީ ސަރުކާރުގެ 50 އިންސައްތައަށް ވުރެ ބޮޑު މެޖޯރިޓީއެއްގެ ހިއްސާ އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްްޓް ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކަށް އެކަންޏެވެ.

ކުރިން އެ މާއްދާގައި އޮންނަނީ ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ކުންފުންޏަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ކުންފުންޏަކަށް ވެސް ބިޑްނުކޮށް މަޝްރޫއު ހަވާލު ކުރެވޭ ގޮތަށެވެ.

ކުންފުނިތަކުގެ އިތުރަށް ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ކޮންމެ ފަރާތަކަށް ވެސް ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް ކުރިން އޮތެވެ.

މީގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރުމުގައި ޝަރުތުތަކެއް ވެސް ކަނޑައަޅައި މާއްދާގައި ބަޔާން ކުރާ ގޮތަށް އެ ކަރުދާހުގައިވެއެވެ.

އެ ގޮތުން، ބިޑްނުކޮށް ކުންފުންޏަކަށް މަސައްކަތެއް ހަވާލު ކުރާއިރު އެ މަސައްކަތަކީ އެ ކުންފުންޏެއްގެ މެންޑޭޓްގެ ތެރޭގައި އޮންނަ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށް ކަރުދާހުގައިވެއެވެ.

އެ މާއްދާގެ ދަށުން ކުންފުންޏަކާ ހަވާލު ކުރެވޭ މަސައްކަތެއް ތިންވަނަ ފަރާތަކަށް ކުންފުނިން ހަވާލުކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި މަސައްކަތް ހަވާލު ކުރާ މިނިސްޓްރީއަކުންް ނުވަތަ މުއައްސަސާއަކުން ވެސް މި ކަން ކަށަވަރު ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.

ބިޑްނުކޮށް މަޝްރޫއުތަކާއި މަސައްކަތްތައް ހަވާލު ކުރާއިރު ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ ކުރިން ވެސް މާލިއްޔަތު ގަވާއިދުގައި އޮންނަ ގޮތެވެ.

އެ ގޮތުން މަސައްކަތް ހަވާާލުކުރާ މުއައްސަސާގެ މާލީ ޒިންމާދާރުވެރިޔާ އެ ކަމަށް ހުއްދައަށް އެދި ފިނޭންސްއަށް ފޮނުވާ ލިޔުމުގައި މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، އެ މުއައްސަސާއިން މަސައްކަތް ހަވާލު ކުރުވާ ކުންފުނީގެ މައުލޫމާތު ހިމެނޭ ގޮތަށް އެ ގޮތަށް ނިންމި ސަބަބު ބަޔާން ކުރަން ޖެހޭނެއެވެ.

މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އޮންނަ ގޮތުގެ ސަބަބުން ކޮރަޕްޝަންގެ ގިނަ އަމަލުތައް ހިންގުުމުގެ ފުރުސަތު އޮންނާނެ ކަމުގެ ކަންބޮޑުވުން އޭސީސީ އިން ވަރަށް ގިނައިން ފާޅުކުރެއެވެ. މީގެ ކުރިން ވެސް އެ މާއްދާ އުވާލަން އޭސީސީން އެދިފައިވެއެވެ.