ނ. ވެލިދޫ ސިއްހީ މަރުކަޒަށް އިތުރު ކުރާ ދެބުރީގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ވެލިދޫ ސިއްޚީ މަރުކަޒަށް އިތުރުކުރާ ދެބުރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރު ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަޝީދު އެ މިނިސްޓްރީއަށް މެއިލް ކުރެއްވުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ

އެ މިނިސްޓްރީން ވިދާޅުވީ، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.