ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކޮށްފިއެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޝަހީމްއަށް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮސް އިއުލާން ކުރީ މިހާރު އެ ކޯލިޝަނުން ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައެވެ.

ޑރ. ޝަހީމްގެ އިތުރުން ސިޔާސީ މައިދާނުގައި ފުންނާބު އުސް އެހެން ދެ ބޭފުޅަކު ވެސް އެ ކޯލިޝަންގެ އެޑްވައިޒަރުންގެ މަގާމުގައި އެބަ ތިއްބެވިއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

އިދިކޮޅު ކޯލިޝަންއަށް ތިން އެޑްވައިޒަރަކު މިހާތަނަށް ހަމަޖެއްސިއިރު އެ ކޯލިޝަނުން ދަނީ މުޅި ރާއްޖޭގައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ފަތުރާލަން މަސައްކަތް ކުރަމުންނެވެ. އެ ކޯލިޝަންގެ ހަރަކާތްތައް ފުޅާކުރަނީ، ކޯލިޝަނުން ބުނާ ގޮތުގައި، ސަރުކާރު ފެއިލްވެ ގައުމުގެ މިނިވަންކަމަށް ނުރައްކާ ގޮތަށް ހާރިިޖީ ގުޅުންތައް ބަދަހި ކުރަމުން ދާތީއެވެ.

ޝަހީމް ސިޔާސީ ޕޯޑިއަމްއަކުން ފެނިވަޑައިގަތީ ދުވަސްތަކަކަށް ފަހުގައެވެ. ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރާއްޖެ ދޫކުރައްވައި ސައުދީ އަރަބިއްޔާއަށް ވަޑައިގަތެވެ.

އެއީ ޖިއްދާގައި ހުންނަވާ ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ފުރުއްވުމަށެވެ. މަގާމުގެެ ދައުރު ފުރިހަމަވުމުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހު ފަހުކޮޅުގައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރެއްގެ މަގާމުގައި ޝަހީމް ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. އަދާލަތު ޕާޓީން އޭރު ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމުން ޝަހީމް ވެސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ.

އެކަމަކު އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު ފުރުއްވިއެވެ. އަދި އަދާލަތު ޕާޓީން ވެސް ވަކިވަޑައިގަތެވެ. ފަހުން ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގަތީއެވެ.

ޑރ. ޝަހީމް ވަނީ ރައީސް ވަހީދުގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ. އެއީ ވެސް އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    މަރުހަބާ ށަހީމު ގައުމައްޓަކާ ތިޔަކުރައްވށޖިހާދައް ށުކުރުދަންނަވަން ށުކުރިއްޔާ

    13
    1
  2. ސަންގު

    މަރުހަބާ ތިފަދަގާބިލް އިލްމުވެރިޔަކު އަޅުގަނޑުމެންގެ ޕާޓީއާއިގުޅި ވަގައިގެންނެވުމަކީ ދިވެހިލޭހިނގާ ކޮންމެދަރިޔަކު އުފާކުރުން ހައްގު ކަމެއް އަދިވެސްއެއްފަހަރު ޝުކުރާއި މުބާރިކުބާދީ އަރިޝްކުރަން

    12
    2
  3. ލޮލް

    އިދިކޮޅުގެ ޒަމާން ދިޔައީ

    6
    9
  4. ވިއްކާލާވިއްކާލާ

    ހެޔޮނުވާނެ ސަރުކާރުން ސިޔާސީ ކަންކަން އެއް ފަރާތް ކުރުމަށް ފަހު އިގްތިސާދީ ކަންކަމާއި ގެން ދުއްވައިގަނެ ބަލަ ގުޅިފަޅު ހިއްކާލާ އަނެއްކާ އިންޑިއާ އަށް ވިއްކާލަން ސަރުކާރުން އުޅެނީ ކިއެއްވެތޭ މާލެ ސަރަހައްދުގެ ބިން ބިމަކީ އެއީ ޖަވާހިރު ނަގާ ވަޅު ވަޅޭ އެފަދަ ވަޅު ތައް ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި ވިއްކާ ނުލާށޭ ގުޅިފަޅަށް ކޮމާރޝަލް ޕޯރޓް ބަދަލު ކުރާނެ ކަމެއް ނެތޭ އެތަނުން ގޯތި ދޭންވީއޭ 2 ހާސް އަަކަފޫޓްގެ 25 ހާސް ގޯތި ވިއްކާލަންވީއޭ ގޯއްޗެއް 2 ލައްކައަށް ވިއްކާލަންވީއޭ...

    1
    1
  5. ކާޕެޓް ވަގު

    ތިޔަވީ އިންޝާ ﷲ...

    6
    1