ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އޮންނަ 10.27 މާއްދާއަށް ފިނޭންސް މިނިސްޓްރީ އިން ދާދި ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކޮރަޕްޝަން މަދު ކުރެވިދާނެ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގަވާއިދުގެ 10.27 މާއްދައަކީ ބިޑް ނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް އޮންނަ މާއްދާއެކެވެ. އެ މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅިއެވެ. އެކަމަކު މުޅި މާއްދާ އުވާލުމުގެ ބަދަލުގައި މާއްދާއަށް ބަދަލުތަކެއް ގެނައީއެވެ.

ފިނޭންސްއިން ވިދާޅުވާ ގޮތުގައި އެ ބަދަލުތަކަކީ އެ މިނިސްޓްރީއާއި، އޭސީސީއާއި، އޮޑިޓަ ޖެނެރަލްއާއި، އެޓާނީ ޖެނެރަލް ހިމެނޭޭ ގޮތަށް އެކުލަވާލާފައިވާ ކޮމިޓީގެ މަޝްވަރާގެ މަތިން ގެނެސްފައިވާ ބަދަލުތަކެކެވެ. އެ ކޮމިޓީން ދަނީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް މަޝްވަރާކޮށް ދިރާސާ ކުރަމުންނެވެ.

ޑެެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރައްވާފައިވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލިއްޔަތު ގަވާއިދަށް ގެނެވޭ އިސްލާހުތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަޝްރޫއުތައް ދިނުން މަދުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި މާއްދާއާ އެއް ގޮތަށް މިނިސްޓްރީތަކުން އަމަލު ކުރާ ކަން ރަނގަޅަށް މޮނިޓާ ކުރުމަކީ ވެސް މުހިއްމު ކަމެއް،" އުޝާމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ޓްވީޓާ މެދުވެރިކޮށް ފިނޭންސްއިން މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓް ކުރަން ފޮނުވާފައިވާ ދެލިކޮޕީގެ ކަރުދާސް އާންމުކުރައްވާފައިވެއެވެ.

އޭގައިވާ ގޮތުން ދެން ބިޑްނުކޮށް މަޝްރޫއު ހަވާލު ކުރެވޭނީ ސަރުކާރުގެ 50 އިންސައްތައަށް ވުރެ ބޮޑު މެޖޯރިޓީއެއްގެ ހިއްސާ އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްްޓް ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކަށް އެކަންޏެވެ.

ކުރިން އެ މާއްދާގައި އޮންނަނީ ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ކުންފުންޏަކާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ ހިއްސާ އޮންނަ ކޮންމެ ކުންފުންޏަކަށް ވެސް ބިޑްނުކޮށް މަޝްރޫއު ހަވާލު ކުރެވޭ ގޮތަށެވެ.

ކުންފުނިތަކުގެ އިތުރަށް ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ކޮންމެ ފަރާތަކަށް ވެސް ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް ކުރިން އޮތެވެ.

މީގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރުމުގައި ޝަރުތުތަކެއް ވެސް ކަނޑައަޅައި މާއްދާގައި ބަޔާން ކުރާ ގޮތަށް އެ ކަރުދާހުގައިވެއެވެ.

އެ ގޮތުން، ބިޑްނުކޮށް ކުންފުންޏަކަށް މަސައްކަތެއް ހަވާލު ކުރާއިރު އެ މަސައްކަތަކީ އެ ކުންފުންޏެއްގެ މެންޑޭޓްގެ ތެރޭގައި އޮންނަ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށް ކަރުދާހުގައިވެއެވެ.

އެ މާއްދާގެ ދަށުން ކުންފުންޏަކާ ހަވާލު ކުރެވޭ މަސައްކަތެއް ތިންވަނަ ފަރާތަކަށް ކުންފުނިން ހަވާލުކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި މަސައްކަތް ހަވާލު ކުރާ މިނިސްޓްރީއަކުންް ނުވަތަ މުއައްސަސާއަކުން ވެސް މި ކަން ކަށަވަރު ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.