ވ. ތިނަދޫގައި ސްޓެލްކޯއިން އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ. އެ އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ އެވެ.

ސްޓެލްކޯއިން ބުނީ، ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން ތިނަދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އަދި އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ސްޓެލްކޯއަށް އެރަށުން ބިމެއް ހަމަޖައްސާދެއްވާފައިކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އެ ރަށު އާ އިންޖީނު ގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ، ސްޓޭލްކޯއިން އެރަށާއި ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެހެން ނަމަވެސް އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް އެރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވާނެ ކަމަށާއި، މިއަދު މި ގިރާ ކުރަނީ އާ ހަރުފަތެއްކަމަށެވެ.

މީގެ އިތުރުން މުޢުނީ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި، ތިނަދޫގެ އާބާދީއާއި، ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.

"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި، ރައްޔިތުންނަށް އިންޖީނުގެ ދުމާއި، އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން." މުޢުނީ ވިދާޅުވި އެވެ.

މުޢުނީ އިތުރަށް ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅުވެގެންދާނެ ކަމަށެވެ.

އަދި ތިނަދޫގެ އިތުރުންވެސް ސްޓެލްކޯއިން ހިދުމަތްދެމުންގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ެއލހ

    ހަހަހަ. ގުރައުންޑ ބުރޭކިންނޭ؟؟؟ ލެޔިނ އޮފް ފައުންޑޭޝަން ބެނާރ ގަ ޖަހާލިނަމަ ދޯ. އިނގިރޭސި ވެސް ޖަޒީރާ. ޕިސްޕިސް.

  2. ޔާންޔާ

    ތީކީ ކޮންމެހެން އާންމުނަށް އުނދަގޫވާނެތީކީ ނޫން ، ޕުލުމޭރިޔާ ބޮޑުކުރުމުގެ މަސްރޫއެއް . ރައްޔިތުންތިބީ ހޭލާ .
    މިހާރުވެސް ތިނަދޫގައި 100 ކޮޓަރި . ރިސޯޓަކާއި އެއްވަރު .
    މިހާރު ތި ވިސްނުން ހުރީ މިހާރުގެ ޖަނަރޭޓަރު ހުރިބިން ހުސްކޮށް އެތާގެ އަޅަން .

    ވަރަށްސަލާމް !