ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި ގުޅިގެން، އެންޓިބޮޑީ ޓެސްޓު ހަދަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.

ރޭ އެމްއީއޯސީން ރޭ ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން ޕަބްލިކް ހެލްތު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ، ޤައުމީ ޔުނިވާސިޓީ އާއި ގުޅިގެން އަންނަ މަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓުތައް ހަދަން ފަށާނެ ކަމަށާއި، މިހާރު އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެންޓިބޮޑީގެ "ސްޓަޑީ ޕްލޭން" މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި އާބާދީގެ ނިސްބަތުން ވަކި އިންސައްތައެއް ކޮވިޑް-19 އަށް ""އިމިއުން" ކަމަށް ބުނަން ވަރަށް ގިނަ ތަހުލީލުތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެސް ދާދިފަހުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އިސް ސަފުގައި ހަރަކާތްތެރިވާ ތިންހާހަށްވުރެ ގިނަ މީހުންގެ އެންޓިބޮޑީ ޓެސްޓު ހަދާފައެވެ. މީގެ ތެރެއިން އެންޓިބޮޑީ ހުރީ 125 މީހެއްގެ ހަށިގަނޑުގައެވެ.

އެންޓިބޮޑީ ޓެސްޓު ހަދަނީ ކުރިން ބަލީގެ އަލާމާތްތައް ނުފެނި، ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވާ މީހުން ދެނެގަތުމަށެވެ. މިއީ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ނެތް ނުވަތަ ބައްޔަށް "އިމިއުން" ކަމަށް ކަނޑައަޅާ ކެޓެގަރީއެވެ. މިފަދަ މީހުންގެ އެންޓިބޮޑީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާކަން ޓެސްޓުން ދެނެގަނެވޭނެ އެވެ.