އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ވިޔަފާރި ވެރިއެއްގެ ގަޔަށް ވަނީ ވަޅި ޖަހާފައެވެ. އެރޭ 8:46 ހާއިރު ވަޅި ޖަހާފައި ވަނީ އޭނާގެ ކަރަށެެވެ. އޭނާގެ ހާލަތު ގޯސް ނޫނެއްކަމަކު އޭނާގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި މިހާރު އޭނާއަށް ފަރުވާދެމުން ދަނީ އޭޑިކޭގައެވެ.

އޭނާ ބުނާގޮތުގައި، އޭނާ މިހާރު ވަނީ ނުރައްކަލުން ސަލާމަތްވެފައެވެ.

ޝަހީދު އަލީ ހިނގުމާއި ހަވީރީ ހިނގުން ގުޅުނު ހިސާބުގައި ހިނގި އެ މާރާމާރީއަކީ އަނިޔާ ލިބުނު މީހާއަކީ މާޗެންޑައިޒް ލީން ފިހާރައިގެ ވެރިމީހާ އެވެ.

އެ މާރާމާރީއާ ގުޅިގެން މިހާރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ މިއަދު ފޭސްބުކްގައި ވަނީ ޕޯސްޓެއް ޖަހާ، އޭނާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން މީހާ ޝުކުރު އަދާކޮށްފައެވެ. އޭނާ ޝުކުރު އަދާކޮށް ކުރި ޕޯސްޓުގައި އެ މީހާއާ ބައްދަލު ކުރަން ބޭނުންވާ ކަމަަަށް ބުނެފައި ވެއެވެ.

"އަހަރެންގެ ހާއްސަ ޝުކުރެއް، ސުވާލު ކުރުމެއް ނެތި އަހަރެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާއަށް، މިއީ އިންސާނިއްޔަތު ކަމަކީ، އަހަރެންނަށް ތި ފަރާތުގެ ނަމެއްވެސް ނޭނގެ، އަދި ގުޅޭނެ ގޮތެއްވެސް ނޭނގެ. ނަމަވެސް ތި ފަރާތުން އަދާ ކުރި ޒިންމާއިން އަހަރެންގެ ފުރާނަ މި ވަނީ ސަލާމަތްވެފައި". އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ ލިޔެފައި ވެއެވެ.

އެ ޕޯސްޓުގައި އޭނާ އިތުރަށް ބުނެފައި ވަނީ، އެ ޕޯސްޓް ފެނިއްޖެ ނަމަ، އޭނާ އެދެނީ، އޭނާއާ ބައްދަލުކޮށް ދިނުމަށް ކަމަށެވެ. އަދި އެ މީހާއާ އޭނާ ބައްދަލުކުރަން ވަރަށް ބޭނުންވާ ކަމަށް އެ ޕޯސްޓުގައި އޭނާ ބުނެފައި ވެއެވެ.

އޭނާއަށް ހަމަލާދީފައި ވަނީ، އުމުރުން 19 އަހަރުގެ ޒުވާނެކެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިޔާ އަށް ހަމަލާ ދީފައި ވަނީ އޭނާ އާއި ދެބެންދެދަރި ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރަނގަޅު މީހުން އަދި ހުސްނުވޭ.
    މުސްލިމުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި އަންގަވާފައިވަނީ. އެކަކު އަނެކަކަށް އަދި ގާތްތިމާގެ މީހުން ދުނިޔެވީ މުދަލާއި ފައިސާ ގެ މައްސަލަ ތަކުގައި ހިފާ ތަޅާ ފޮޅާ އިރު މާދަމާ ވެސް މަރުވެދާނެ. ހިސާބު ބެލެވޭ ދުވަހުން އިންސާފުގެ ތިލަފަތުން އެކަކަށް ވެސް ބޭ އިންސާފު ނުކުރެވޭނެ. ތައްޔާރު ވާންވީ އެދުވަހަށް. ދާއިމީ ގޯތްޗަށް. ބަލިމީހާއަށް އަވަސް ޝިފާ މިންވަރު ކުރައްވާށި. އެހީތެރިވި ފަރާތަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި. އާމީން

    151
    2
  2. ކިޓު ކެޓު

    އަނިޔާ ލިބުނު ބޭފުޅާ އެދޭ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެދެން

    57
    1
  3. ޒވނ

    ބޮޑުގެއްލުމެއް ނުލިބި ދުނިޔޭގައި އުޅުމަށް ލިބުނު ފުރުސަތު ނަގާނުލައްޗެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. "ސޭވް މ ޕލޒ"

    69
  4. ބައްޕަ

    އެއްމެ ފުރަތަމަ ﷲ އަށް ޝުކުރުވެރިވޭ ، ދެން އެއަށް ފަހު ތިކަމުގަ އެހީތެރިވާން މެދުވެރި މީހާއަށް ޝުކުރު އަދާކުރޭ ، ﷲ ތިދެއްވި ފުރުސަތު ގެ މަތިން ހަދާން ކުރޭ ، ﷲ ގެ މިންވަރުފުޅުގަ ނެތް ކަމެއް ނުކުރެވޭނެ ކިތައްމެ ބާރުގަދަވިޔަސް

    107
    1