ކުޅުދުއްފުށިން އަނެއްކާވެސް ކޮވިޑް-19 އަށް ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އެއް ފެނިއްޖެ އެވެ.

މިއީ މިރޭ އެރަށުން ފެންމަތިވި ކޮވިޑް-19 ގެ ދެވަނަ ވޭދަނައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ކުޅުދުއްފުށިން މިރޭ ދެވަނައަށް ފައްސިވެފައި ވަނީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ. ކޮވިޑް-19 އަށް އެކުއްޖާ ފައްސިކަން އެނގުނީ، ކަރަންޓީނުގެ މުއްދަ ހަމަވުމުން ބަލި ހުރިތޯ ބެލުމަށް ނެގި ސުންކަކުން (ސާމްޕަލްއަކުން) ނެވެ.

ކޮވިޑަށް މިކުއްޖާ ފައްސިވިނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ކުއްޖާ ކޮވިޑް-19 އަށް ފައްސިވިއިރު، ހޯމް ކަރަންޓީނުގައި ހުރީ މަންމަ އާއި ދެ އަހަރުގެ އެހެން ކުއްޖަކާއެކު ކަމަށް ވެއެވެ. ނަމަވެސް އެދެމައިންގެ ސުންކު ވަނީ ކޮވިޑަށް ނައްސި (ނެގެޓިވް) ވެފައެވެ.

ފަހުން ހެދިސުންކުން އެކުއްޖާ ފައްސިވުމުން މިހާރު އެކުއްޖާ އާއި އޭނާގެ އާއިލާއަށް ކަރަންޓީނުގެ މުއްދަތު ވަނީ ދަމަހައްޓާފައެވެ.

މި ވޭދަނައާއި ގުޅޭގޮތުން އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނުވަތަ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިންވެސް އަދި މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކުޑަކުއްޖަކު ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވިއިރު، އެރަށާއި މާލެއާއި ދަތުރުކުރާ ބޯޓެއްގެ ކައްޕި މި ބައްޔަށް މިރޭ ވަނީ ފައްސިވެފައެވެ. އޭނާ ބައްޔަށް ފައްސިވެފައި ވަނީ، އަލާމާތްތައް ފެނިގެން ހެދި ޓެސްޓަކުންނެވެ. މިކަމާއި ގުޅިގެން މިވަގުތު ކުޅުދުއްފުއްޓާއި ނޮޅިވަރަމް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އިދާރާތަކުން މިހާރު އަންނަނީ މި ވޭދަނަ އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ގެ ދެ ވޭދަނަ ފެންމަތިވެފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު އެރަށުން މާލެއަށް ގެންދިޔަ މީހަކުވެސް މި ބައްޔަށް ފައްސިވެފައި ވެއެވެ. އެ ވޭދަނަ އާއި ގުޅިގެންވެސް ކުޅުދުއްފުށި މޮނީޓަރިންއަށް ގެނެވިފައި ވެއެވެ.