އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ ކުއްލި ޖަލްސާތަކުގައި އެ ކޮމިޝަނާއި އިންތިހާބުތަކާ ގުޅޭ ބޮޑެތި މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް ބަދަލެއް ގެނެސްފިއެވެ.

އީސީގެ ގަވާއިދުގައިވާ ގޮތުން ކުއްލި ޖަލްސާއަކީ ކޮމިޝަންގެ ހިންގުމާ ގުޅޭ މުހިއްމު ކަމަކާ މެދު މަޝްވަރާ ކުރުމަށް ކޮމިޝަންގެ މެންބަރަކު އެދިގެން ބާއްވާ ޖަލްސާއެކެވެ. އީސީގެ ކޮންމެ މެންބަރަކަށް ވެސް ކުއްލި ޖަލްސާ ބާއްވަން އެދެވިދާނެއެވެ.

ނަމަވެސް އެ ގޮތަށް ބާއްވާ ކުއްލި ޖަލްސާއެއްގައި އަށް ކަމަކާ ގުޅޭ ގޮތުން ގޮތެއް ނިންމައިގެން ނުވާނެ ކަމަށް ކޮމިޝަންގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުގައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު ގެޒެޓް ކުރި އެ އިސްލާހުގައިވާ ގޮތުން، ބަޖެޓާއި ފައިސާއާ ގުޅޭ ކަންކަމާއި މުވައްޒަފުންގެ ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތައް ބަދަލު ގެނައުމަށް ކުއްލި ޖަލްސާގައި ނުނިންމޭނެއެވެ.

ކޮމިޝަންގެ ހިންގުމުގެ އޮނިގަނޑު ބަދަލު ގެނައުމަށާއި މެންބަރުންނާއި މުވައްޒަފުން ރާއްޖޭން ބޭރަށް ކުރާނެ ރަސްމި ދަތުރުތަކާއި ކޮމިޝަންގެ ގަވާއިދަށް ބަދަލެއް ގެންނަން ވެސް ކުއްލި ޖަލްސާގައި ނުނިންމޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ވެސް ކުއްލި ޖަލްސާ ނުބޭއްވޭނެއެވެ. ކޮމިޝަނަށް އާ މުވައްޒަފަކުލުމަށާއި މުވައްޒަފަކު ވަކިކުރުމަށް ވެސް ނުނިންމޭނެއެވެ. އަދި އިންތިހާބަކާ ގުޅޭ މައްސަލައެއް ވެސް ނުބެލޭނެއެވެ.

މީގެ ކުރިން އީސީގެ ގަވާއިދުގައި ކުއްލި ޖަލްސާގައި ނުނިންމޭނެ ކަމަށް ނުވަތަ ނުބެލޭވެނެ ކަމަށް އެއްވެސް މައްސަލައެއް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭރު ބޮޑެތި މައްސަލަތައް ވެސް ކުއްލި ޖަލްސާ ބާއްވައިގެން ނިންމުމަށް ހުރަހެއް ނޯވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏަމް

    ތިޔައީ ނާމާން ބިރުވެރި ތަނެއް ތިޔަތަނުގެ ވެރިން ވަނީ ގާނޫނާހިލާފަށް ކަރަޕުސަނުގެ ކަޅުފައިސާގަ ޖެހިފަ ކުޅޭނެކުޅިވަރެއް މިހާރުކުޅޭ ދައުރުނިމުނީމާ ބޮޑުތަނުން ކުއްވެރިވެ ރަށްޔަތުންނަށް ކަޅުފައިސާ ހިފިގޮތް އަމިއްލަޔަށް ކިޔައިދޭން މަޖުބޫރުވާނެ އިންތިޒާރު ކުރޭ.......!!!