ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންތައް ހުއްޓުވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވީ، ޕީސީބީގެ އެ މަސްއޫލިއްޔަތު އަދާ ކުރަމުންދޭތޯ ނުވަތަ ނުދޭތޯ މަޖިލީހުގައި އޮންނަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ، އެސްއޯއީ ކޮމިޓީން ބަލައިދިނުމަށެވެ.

އެ ކޮމިޓީގައި ވެސް އިންނަވާ ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަން އެދިވަޑައިގެންނެވިއެވެ. އެގޮތުން އެ ބޯޑުން ހާދާފައިވާ ގަވާއިދުތަކަކީ ބައިނަލް އަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތް ގަވާއިދުތަކެއްތޯ ބެލުން ހިމެނެއެވެ.

އަދި ކޮންމެ ހެން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން ނުހަދާާ ހުރީ ކޮން ގަވާއިދުތަކެއްތޯ ބެލުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ޕީސީބީގެ ގާނޫނުގައިވާ ގޮތަށް އެ ބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދާ މިންވަރު ވެސް ބަލަން އެދިވަޑައިގެންފައިވެއެވެ.

ޕީސީބީގައި މިހާރު ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާާ މެންބަރުންނެވެ.

އެއީ ބޯޑުގެ ރައީސް ހަސަން ވަހީދު އާއި، ނައިބު ރައީސް އާސިމް މުހައްމަދު އާއި، މެންބަރުންގެ ގޮތުގައި ތިއްބެވި އާއިޝަތު ޝާޒުލީއާއި، ރުޝާހާ އަހުމަދު ޝަރީފްއާއި، އަލީ ޝަފީއުއާއި، އަލީ ޝުޖާއުގެ އިތުރުން އަހުމަދު ޝަރީފް ޔޫސުފެވެ.

މި އަހަރުގެ ކުރީކޮޅު ޕީސީބީއަށް އާ މެންބަރުން އައްޔަން ކުރެއްވީ އޭގެ ކުރިން ތިއްބެވި މެންބަރުންނަށް ރުހުން ހޯދަން ވެސް ކުރީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާތީއާއި ބޯޑުގެ ޒިންމާ އަދާ ނުކުރާ ކަމަށް މިހާރުގެ މަޖިލީހަށް ގަބޫލު ކުރެވިގެން އެ ގޮތަށް ފާސްކޮށް ރައީސްއަށް ހުށަހެޅުމުންނެވެ.

ޕީސީބީއަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސެވެ. އެކަމަކު ރައީސް އައްޔަންކުރައްވާ މެމްބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.