ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ސިއްހީ ބައެއް ސާމާނު މިއަދު ރަސްމީކޮށް ހަވާލްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ޑަބްލިވްއެޗްއޯއިން ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ އައި.ސީ.ޔޫ ގައި ބޭނުންކުރާ އާލާތްތަކާއި، ލެބޯޓްރީގެ އާލާތްތަކެވެ. އޭގެ ތެރޭގައި ޕޯޓެބަލް ޑިޖިޓަލް އެކްސްރޭގެ އިތުރުން ލެބޯޓްރީގެ ބައެއް އައިޓަމްތަކާއި ޓެސްޓްކިޓް ހިމެނެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިތަކެއްޗާއިއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އައި.ސީ.ޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ.

މިގޮތުން ޕީ.ސީ.އާރު ޓެސްޓްކިޓްގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖް ކާޓްރިޖްގެ 15،000 އަށް ވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށްވަނީ ހަދިޔާ ކުރައްވާފައެވެ.