ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ 1,400 ޑިސްއިންފެކްޓެންޓް ކެމިކަލް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީއަށް 1,400 (އެއްހާސް ހަތަރުސަތޭކަ) ޑިސްއިންފެކްޓެންޓް ކެމިކަލް (ފަސް ލީޓަރު ފުޅީ)ޔުނިސެފްގެ އެހީގެ ދަށުން ގަތުމަށް ބޭނުންވާ ކަމަށެވެ.

އެ އެއިއުލާނުގައި ބުނެފައިވާގޮތުން، މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި މީގެ އިތުުރުން، ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5،000 ރުފިޔާ ހުށަހަޅަންވާނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހު މުއްދަތެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އޮކްޓޯބަރު ހަ ވަނަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގައި ކަމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު