ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު، އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ތާވަލްކޮށްފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ ފަރާތުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިދިޔަ ޖުލައި 15 ގައި ހުށަހެޅި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ތާވަލް ކުރީ ދެ މަސް ފަހުންނެވެ. އެ މައްސަލަ އެ ތަނުން ބަލައިގަތީ ވެސް އެއް މަސް ފަހުންނެވެ.

ޕީއައިއެލްސީން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެއެވެ.

ސީލް ކުންފުނީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރިޒް ކުންފުނީގެ ބެލުމުގެ ދަށުގައި ތިބި ބައެކެވެ. އެމީހުންނަށް މުސާރަ ނުލިބޭ މައްސަލަ ފެންމަތިވީ ބިދޭސީން އެ ރަށުގައި ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރުމުންނެވެ. އެ މުޒާހަރާގައި ބިދޭސީން ފުލުހުންނާ ވެސް ކުރިމަތިލިއެވެ. އަދި ދިވެހިންތަކެއް އެ ރަށުގައި ރަހީނުކޮށްގެން ވެސް ގެންގުޅުނެވެ.

ރިޒް ކުންފުނިން މުސާރަ ދެމުން އައި ބިދޭސީން ހަމަނުޖެހުން ހިންގުމުން އެ ބިދޭސީންނާ ހަވާލުވުމަށް ރިޒް ކުންފުނިން ދެކޮޅު ހެދިއެވެ. އެހެންވެ، އެ މީހުން މާލެ ގެނެސް މިހާރު ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އެމްއާރުޑީސީގެ ފެސިލިޓީއެއްގައެވެ. އެމްއާރުޑީސީގެ އެ ފެސިލިޓީގައި އެ މީހުން ބޭތިއްބިޔަސް ހުރިހާ ޚަރަދެއް ދައްކާނީ ރިޒް ކުންފުނިން ކަމަށްވެއެވެ.

ބިދޭސީންނަށް މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި ފުލުހުން ރިޒް ކުންފުނީގެ މައްޗަށް ކުރަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތެވެ.

ފުލުހުން ވިދާޅުވީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު އެ ތުހުމަތުތައް ރިޒް ކުންފުނިން ދޮގު ކުރެއެވެ.

ބިދޭސީން ރަށުން ބާލާފައި ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ފަހުންނެވެ. މީގެއިތުރުން އެ ބިދޭސީންނާއި ދައުލަތުން ހަވާލުވެފައިވާއިރު ރިޒް ކުންފުންޏަކީ ސަރުކާރު ހިންގާ މައިޕާޓީގެ މަޖިލިސް މެންބަރު ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.