ޤާނޫނީ މައުލޫމާތު އެއްތަނަކުން ލިބޭ ވެބްސައިޓެއް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އިން ލޯންޗުކޮށްފިއެވެ.

ޖަސްޓިސް އިނީޝިއޭޓިވް ނަމަަކަށް ކިޔާ މި ވެބްސައިޓަކީ ގާނޫނީ މައުލޫމާތުތައް އެއްތަނަކުން ލިބޭނެ ގޮތަށް، ދިވެހި ބަހުން މުޅި ވެބްސައިޓު އެއްކޮށް ފަރުމާކޮށްފައިވާ ވެބްސައިޓެކެެވެ.

މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް އިން މިހާރު ލޯންޗުކޮށްފައިވާ މި ވެބްސައިޓުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ނުރިހާ ގާނޫނަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެން ހުންނާނެ އެވެ. އަދި ގާނޫނަށް ގެންނަ އިސްލާހުތައްވެސް މި ވެބްސައިޓުން ފެނެއެވެ.

މި ވެބްސައިޓުން ގެނެވޭ އިސްލާހުތަކާއި، ބަދަލުތައް ވަކިވަކިން ފެންނަން ހުރެއެވެ. މި ވެބްސައިޓަކީ ހިލޭ ބޭނުންކުރެވޭ ވެބްސައިޓަކަށް ވާއިރު، ވެބްސައިޓު ފަރުމާކޮށްފައި ވަނީ، ފޯނުން އަދި ކޮމްޕިއުޓަރުންވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހާއި، އިސްލާހުތައް ގެންނަ ތާރީހުވެސް މި ވެބްސައިޓުން ފެންނަން ހުރެއެވެ.

"ޖަސްޓިސް އިނީޝިއޭޓިވް މޯލްޑިވްސް" އަކީ ލެކްސަވީ ޗެމްބާސްގެ ދަށުން ހިންގާ ޖަމްއިއްޔާ އެކެވެ.

މިވެބްސައިޓަކީ ގާނޫނީ އިލްމު އުނގެނޭ ފަރާތްތަކަށާއި، އާންމުންނަށް އަދި، ގާނޫނާއި ބެހޭ އެކި މައުލޫމާތުތައް އަބަދު ބޭނުންކުރަން ޖެހޭ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު