ވީއައިއޭގައި ކޮވިޑް ސޭފްޓީ ކޮރިޑޯއެއް ޤާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކޮވިޑް ސޭފްޓީ ކޮރިޑޯއެއް ޤާއިމްކުރުމަށް ފުރިހަމަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން، އެއަރޕޯޓަށް އަންނަ ފަތުރުވެރިންނާއި، އެއަރޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން ގިނައިން އަވަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެކަމަށް އެންޑްރޫ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ވީއައިއޭގެ މި އަމާޒުގެ މައުލޫމާތު އިތުރަށް ހާމަކުރާނެ. ކޮވިޑް ފްރީ ކޮރިޑޯގެ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ." އެންޑްރޫ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުޅި ދުނިޔޭގައިވެސް އަލަށް ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ރާއްޖެއިން ތައާރަފްކުރި "ބޯޑަރ މައިލްސް މޯލްޑިވްސް"ގައި ބައިވެރިވުމަކީ އެމްއޭސީއެލްއަށް ލިިބޭ ވަރަށް ބޮޑު އުފަލަކާއި، ފަޚުރެއް ކަމަށެވެ.

އަދި އެ ޕްރޮގްރާމްއަކީ ފަތުރުވެރިން ރާއްޖެ ގެނައުމަށް ރަނގަޅު އިސްނެގުމެއް ކަމަށް ވެސް އެންޑްރޫ ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންޑްރޫ ވިދާޅުވީ އެ ދެ ސިނާއަތަކީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއިން އެ ސިނާއަތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ސިނާއަތްތަކަށް ވާއިރު، ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ މިންވަރު އަވަސްވެފައި ރަނގަޅުކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ވީއައިއޭއިން ވާނީ ސަލާމަތީ ގޮތުން މިހާރުވެސް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައި. މިހާރު އެމްއޭސީއެލްއިން ދަތުރުފަތުރަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމުގެ ޔަޤީންކަންދެން. ސަލާމަތީ ކަންކަމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް." އެންޑްރޫ ވިދާޅުވިއެވެ

މީގެ އިތުރުން، ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވަމުންދާ ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރުވަމުން ދާނެ ކަަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެެ.