ގެސްޓްހައުސް ވިޔަފާރިި އިޝްތިހާރު ކުރަން ހިތްހަމަޖެހޭ ވަރާ ގާތަށް ވެސް އަދި މަސައްކަތެއް ނުކުރެއްވޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތޮއްޔިބް މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ތޮއްޔިބް ވިދާޅުވީ ޖުލައި މަހު ފަތުރުވެރިކަން ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމަކީ ޖެހިލުން ކުޑަ ނިންމެވުމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައީސެއް ކަމަށް ވިދާޅުވެ، ތޮއްޔިބް ވަނީ އެމަނިކުފާނަށް ތައުރީފް ކުރައްވައިފައެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ ފަހުކޮޅެވެ. އެކަމަކު، ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވުމާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި 15 ގައި ފަތުރުވެރިންނަށް ހުޅުވާލިއެވެ.

ތޮއްޔިބް ވިދާޅުވީ ފަތުރުވެރިކަން އަލުން ހުޅުވާލުމުން ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު މި ހާލަތުގައި ކަންކަން ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ތޮއްޔިބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ފަތުރުވެރިކަމުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްގީ" ކަމަށްވާ އިރު، ރަށްފުށުގެ ކުރިއެރުމަކީ ރާއްޖެ ފަދަ ޖަރީޒާ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އިން، ގެސްޓްހައުސް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ހިތްހަމަޖެހޭވަރާއި ގާތަށް ވެސް އަދިއެއް މަސައްކަތެއް ނުކުރެވޭ. ނަމަވެސް އަޅުގަނޑުމެން މި އިންޑަސްޓްރީގައި ހުރި ހުރިހާ ޕްރޮޑަކްޓްތަކެއް އިޝްތިހާރު ކުރަމުންދާ ފަދައިން އިތުރަށް ކުރަން ޖެހޭ ކަމެއްކަމަށްވެސް އަޅުގަނޑުމެން ދެކެން." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކުރި ނަމަވެސް ފަތުރުވެރިކަން އިޝްތިހާރުކުރުން ހުއްޓާ ނުލައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަތުރުވެރން އިތުރުކުރުމާއި ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެކަން ތޮއްޔިބް ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔޭގައިވެސް އަލަށް ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑަ މައިލްސް މޯލްޑިވްސް" ރޭ އިފްތިތާހުކޮށްފައިވާ އިރު އެއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ލިބުނު އާ ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯޑަ މައިލްސް މޯލްޑިވްސް އަކީ ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ކޮންމެ ފަހަރަކު ޕޮއިންޓު ލިބޭ ގޮތަށް އުފައްދާފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ވަނީ ތިން ގިންތިއެއް ވެސް ކަނޑައަޅާފައެވެ. މި ތިން ގިންތިއަށް ވަނީ، އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ހާއްސަ ނަންތަކެއްވެސް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިޔަވަޅު

    މީހާ ގައިގަވެސް ފެންވަރެއް ހުރެގެންދޯ ކަމެއް ކުރެވޭނީ .
    ބައެއް މީހުންނަށް ކުރަން އެގޭނެ ކަމަކީ ޓްވީޓް ކުރުން.
    ޢަނެއް ބަޔަކަށް ސެލްފީ ނެގުން.
    މިކަހަލަ ބަޔަކު ޤައުމް ހިންގަން އައީމަ ވާގޮތް މިޤައުމުން މިހާރު މިފެންނާނީ .
    ޙިތާމައިގެ ކޮޅެއްނެއް.