ލ.އަތޮޅު މާބައިދޫ ފެނަކަ ކޯޕަރޭޝަންގެ އޮފީހުގެ ތިޖޫރީ ފާޅާލާ ތިޖޫރީގައި ހުރި 125800 ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މުވައްޒަފުންގެ ތެރޭގައި މާބައިދޫ ފެނަކަ އޮފީހުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރު ވެސް ހިމެނެއެވެ. އޭގެ އިތުރުން އެކައުންޓް އޮފިސަރާއި، ސްޕަވައިޒަރަކާއި ޓެކްނީޝަނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ވެސް ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ނުލިބެއެވެ.

ފުލުހުން މިރޭ ވިދާޅުވީ މާބައިދޫ ފެނަކަ އޮފީސް ފަޅާލި މައްސަލައިގައި މިހާތަނަށް ހަމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 16 ވަނަ ދުވަހު ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެއެންމެން ވެސް ހައްޔަރު ކުރީ މާބައިދޫންނެވެ. އޭގެ އިތުރުން މިއަދު މިމައްސަލަ އާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ލ.އަތޮޅު މުންޑޫ އިން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ އެންމެންގެ ބަންދުގެ މުއްދަތު ލ.އަތޮޅު ފޮނަދޫ ކޯޓުން އިތުރު ކޮށްދެއްވާފައިވާ ކަމަށެވެ.

ފެނަކަ އޮފީހުން ގެއްލުނު އެއްވެސް ފައިސާއެއް އަދި ނުފެންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަލްބަރޯ ހާޑް

    125800 ހަމީހުނަށް ބެހީމަ ކޮންމެ މީހަކަށް 20966. ކިހިނެއް ޑިގްރީ ޖައްސަން އުޅޭ ބައެއް މީ. ބޯގިނަ ކޮއްގެން ވާނެ ކަންކަމެއް ނޫނޭ މި ހުންނާނީ.

  2. ގައްޑާ

    ޅ.ކުނަހަންދޫ ފެނަކަ އޮފީހުން 300،000 ވަގަށް ނެގި މުވައްޒަފުން މިހާރުވެސް އެތާ ތިބެގެން ވައްކަން ކުރަނީ އެވެ.

  3. ރަށުބެއްޔާ

    މުސްކުޅިންބުނޭ އެއްފުޅައްމަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ފުއްމާލާނޭ! ތިޔަކަން އެވީ ހަމަ އެގޮތަށް ކަމަށް ބެލެވޭ!