ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވޭނީ މުއައްސަސާތަކުން ފަސޭހައިން ސައްހަ މައުލޫމާތު ފޯރުކޮށްދީގެން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޝަމީމް ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދާއިރާގައި ދީމުގްރާތީ ގައުމުތަކަށް ވުރެ ފަހަތުގައި އޮތުމަށް ފަހު ރާއްޖެ އެ ދާއިރާއިން ކުރިއަރަން ފެށީ 2018 އިން ފެށިގެން ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު ރާއްޖޭގެ ގާނޫނުއަަސާސީގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަކީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅައި އެ ހައްގު ރައްޔިތުންނަށް ފޯރުކޮށްދޭން ފެށިކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ޝަމީމް ވިދާޅުވީ ރައްޔިތުން ވެސް ދިރިއުޅުމުގައި ކަންކަން ބިނާ ކުރަނީ ލިބޭ މައުލޫމާތުގެ މައްޗަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ހައްގު ފުރިހަމަކޮށް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިދާރާތަކުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތުގެ މައްޗަށް. މިގޮތުން އެތަނަކުން ލިބެން ހުރި މައުލޫމާތުގެ އަލީގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކުރުން އެއީ ކުރަން ޖެހޭނެ ކަމެއް. އަޅުގަނޑުމެންނަށް ފެނޭ ސައްހަ ނޫން މައުލޫމާތު ނޫނީ ރަނގަޅު ނޫން މައުލޫމާތު ފެތުރޭ ތަން. އަޅުގަނޑު ދެކޭ ގޮތުގައި އެކަން ހުއްޓުވޭނީ މުއައްސަސާތަކުން މައުލޫމާތު ފަސޭހައިން ފޯރުކޮށްދީގެން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން އެ އޮފީހުގެ މަސައްކަތްތައް، އެ އޮފީހާ ގުޅުން ހުރި މައުލޫމާތުތައް ހޯއްދަވައި އެ މައުލޫމާތުތަކުގެ އަލީގައި ކަންކަން ބައްޓަންކުރައްވަން ފެއްޓެވި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުރިން ކޯޓުތަކުގައި ހުރީ ކިތައް މައްސަލައެއްކަން އެނގިވަޑައިނުގަންނާ ކަމަށާއި މިހާރު އެ މައުލޫމާތު އެއްކޮށް، އޭގެ އަލީގައި ޕީޖީގެ މަސައްކަތްތަކަށް ގެންނަންވީ ބަދަލުތައް ދެނެގަންނަމުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތްތަނުގައި މި މައުލޫމާތުތައް އާންމުންނަށް ފެންނާނެހެން ހާމަކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

" އޭގެ ބޭނުމަކަށް ވާނީ އަޅުގަނޑުމެން އެއްކުރާ މައުލޫމާތުގެ އަލީގައި އެކުލަވާ ސިޔާސަތު އެއީ ރަނގަޅު ގޮތްތޯ ބަހުސްކުރަން ފުރުސަތު ދިނުން. އެ ބަހުސްއަށް ބަލާ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުން." ޝަމީމް ވިދާޅުވިއެވެ.

އަދި އިދާރާތަކުން މައުލޫމާތު ހާމަކުރައްވާ، އެ މައުލޫމާތުގެ މައްޗަށް ނިންމާ ނިންމުންތަކަކީ އާންމުންނަށް ފާޑު ކިޔޭ ނިންމުންތަަކަކަށް ވުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއްކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތް ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ވަރަށް މުހިންމުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ރަނގަޅަށް ހާމަކުރުމުން މިހާރަށް ވުރެ އަވަހަށް ހަރުދަނާކޮށް މަސައްކަތް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާހިދު

    މީނަ މި ބުނަނީ މުއައްސަސާތަކުން މަޢުލޫމާތު ދޭއްޖެހެއޭ ރައީސް ވިދާޅުވަނީ މުއައްސަސާތަކުން މަޢުލޫމާތ ދޭކަން ނުޖެހެއޭ ވާވާ މި އޮތީ ސަރުކާރެއް