މި ސަރުކާރުގައި ހިޔާނާތް ހިންގުން "ފެޝަނަކަށް" ބަދަލުވެފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވަޒައިރަކަށް ހުންނެވި ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ޖަމީލް ވިދާޅުވީ، ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ތިބީ އަމިއްލައަށް ގޮތް ނިންމަން ދޫކޮށްލާފައި ކަމަށާއި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމްތައް ތަޣައްޔަރުވެއްޖެ ކަމަށެވެ.

އަދި ސަރުކާރަށް ކޮރަޕްޝަން "އޯކޭ"ވެ އެކަންކަމާއި ދެކޮޅަށް އަޑު އުފުލާ މީހުން ގޯސްވެފައިވާ ކަމަށް ޑރ. ޖަމީލް ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ހިންގާފައިވާ އެކި މުއާމަލާތްތަކާއި ގުޅޭ އޮޑިޓް ރިޕޯޓުގައި ވަނީ މި ދެ މިނިސްޓްރީ އިން ކޮރަޕްޝަން ހުރި މުއާމަލާތްތައް ހިންގާފައިވާކަން ހާމަވެފައެވެ.

އޮޑިޓު ރިޕޯޓުން ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން ވަނީ މުޅި ޖުމްލަ 305،975 ޕީޕީއީ ގަތުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާ ގަތުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑަށެވެ. އަދި ތަކެތި ގަތުމަށް އެޑްވާންސްކޮށް ފައިސާ ވެސް ވަނީ ދައްކާފައެވެ.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ހަވާލު ކުރުމުގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭ ދެކޮޅަށް ދުވެގެން ޔާމީނަށް ވެރިކަން ހޯދާދިނީމަ ޔާމީނު ފެޝަނަކަށް ހެދީ ކޮންކމެއްތަ ؟ ލަދުކޮބާ ؟

  4
  18
 2. ސުމާރު

  މިސަރުކާރުން ކުރިވައްކަންތަށް ބެލުމަށް ދެންއަންނަސަރުކާރަކުން ވަރަށްގަދަޔަށް މަސައްކަތްކުރާނެ ޢިންޝާ ﷲ ހާސްނުވޭ ދެންއޮތީ މަދުދުވަސްކޮޅެއް.

  18
  4
 3. ޖޫދު

  ބަޔަކު ގަބޫލުނުކުރިޔަސް މިތިބީ މުލުވަގުގެ 4 ވަގުންގެ ތިން ވަގު! 32 ބިލިޔަން 3 ބިލިޔަން 37 ބިލިޔަން 4 ބިލިޔަން 24 ބިލިޔަން ޖުމްލަ 100 ބިލިޔަން ބަޑުއަޅައިފި 2 އަހަރުން.

 4. އަދުރެމެޓިސް

  ޔާމީން ފަސް އަހަރު 100 މިލިޔަން ދަވާލާފި !

 5. ދަރަނި ދަންތުރަ

  ފަސްމާމުލު 5 ވަގުން މުޅިގައުމު ބަނޑުއަޅާލައިފި