ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހިންގަމުންދާ ކުންފުނި، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި، އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 24 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 38 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރަން ވަނީ ހަމަޖެހިފައެވެ.
95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ވެސް މަޝްރޫއުގެ ތެރެގައި ހިމެނެއެވެ.
މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބަޖެޓަކީ 51.72 މިލިއަން ރުފިޔާއެވެ.
އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ، މެއި 30، 2020 ގައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވުމުން ސަރުކާރުން ވަނީ ނުފެށި ހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަފައެވެ.
އެކަމަކު ކުންފުނިތަކަށް މަޝްރޫއު ކޮންޓްރެކްޓް ކުރުމުގެ މަރުހަލާއާ ހަމައަށް ކުޑަމިނުން ގޮސްފައިވާ ކޮންމެ މަޝްރޫއެއް ހިނގަމުންދެއެވެ. އެފަދަ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.
އެމްޓީސީސީއަށް ހަވާލުކުރެވުނު ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް މަޑުނުޖެހި ކުރިއަށް އެބަ ދެއެވެ. އަދި އެ ކުންފުނިން ދަނީ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ޓްވިޓާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.
އައިހެވަން އެދަނީ ނިމެމުން.