ހއ. ހޯރަފުށީގައި މިހާރު ތަރައްގީ ކުރަމުންދާ އެެއާޕޯޓާއި، ހދ. ކުޅުދުއްފުށީ އެއާޓުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ކުރި އެ އިއުލާނުގައި ބުނެފައި ވަނީ، ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ހޯރަފުށި އަދި ކުޅުދުއްފުށި އެއަރޕޯޓްގައި މަދުވެގެން އެއްފަހަރާ 50 މީހުންނަށް ހުދުމަތް ދެވޭނެ ރެސްޓޯރަންޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކުންފުނިގެ އިއުލާނުގައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، ދެ ވަނަ ފަންގިފިލާ އަށް ގޮސް މައުލުމާތު ސާފުކުރުމަށް އެދިފައެވެ.

އަދި އަންނަ އޮކްޓޯބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެތަނަށް ގޮސް ޕްރޮޕޯސަލް ހުށައެޅުމަށް އެެދޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހު ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފްލައިޓް ޖެއްސިއެވެ.

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށީ މި ސަރުކާރުންނެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނާގޮތުގައި، އެ އެއާޕޯޓްގެ މަސައްކަތް އަންނަ މަހު ނިމޭނެއެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްބެ

    ކުޅުދުއްފުށި އެއަރޕޯޓު ހާދަރީއްޗޭ ޝުކުރިއްޔާ ގައުމުގެ ތަރަށްގީގެ ބާނީ ރައީސް ޔާމީންއަށް ދުއާއަކީ ޒާލިމުން ބަލިކުރަށްވާ ރައީސްޔާމީން އަށް ހައްގަށް ނަސްރުލިބިވަޑައިގަތުން.

  2. ހަނަފަސް

    ކުޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ފުލައިޓު ޖެސޭވަރު ކުރުންމާރަނގަޅުވާނެއެވެ. މިހާރުތިއުޅެނީ ދެމެން ބަރުން ފޮރުވިގެންތިބެ ދިގުރާސްތާގެ ބިޒްނަސްއެއ ފައްޓާށެވެ.