ނުވަ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝިލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކޮށްފައިވާ އިއުލާންތަކެއްގައި ވަނީ ވ. ޖުޑީޝަލް ދާއިރާއާ، ށ. ޖުޑީޝަލް ދާއިރާއާ، ނ. ޖުޑީޝަލް ދާއިރާއާ، ހދ. ޖުޑީޝަލް ދާއިރާއާ، ހއ ޖުޑީޝަލް ދާއިރާއާ، ގދ. ޖުޑީޝަލް ދާއިރާ އަދި ގއ. ޖުޑީޝަލް ދާއިރާ ބ. ޖުޑީޝަލް ދާއިރާގެ، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، މި އަތޮޅުތަކުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އެ ދާއިރާގައި މަސައްކަތް ކުރަމުންދާ މެޖިސްޓްރޭޓުންނަށް އެކަނި ކަމަށެވެ.

މި އަތޮޅުތަކުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ކުރިމަތިލާ ފަނޑިޔާރުންނަށް މުސާރައާ އިނާޔަތުގެ ގޮތުގައި ޖުމްލަ 27،950 ރުފިޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ހެލްތް އިންސުރެންސްވެސް ދޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އިތުރު އެލަވެންސްއެއް ދޭ ގޮތަށްވެސް އެ އިއުލާނުގައި ވެއެވެ.

މި އަތޮޅުތަކުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު