ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށަކަށް ޑޮކްޓަރަށް ދައްކަން ދަތުރުކުރާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) އިން ވިދާޅުވެއްޖެއެވެ.

ގެސްޓްހައުސްތައް އޮޕަރޭޓު ކުރާ ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނެ ގޮތައް އެޗްޕީއޭގެ ގައިޑްލައިން އެކުލަވާލާފައި ވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫފް (ޓެގް) ގައި މަސައްކަތް ކުރައްވާ ޑޮކްޓަރ އަހްމަދު ޝަހީދު ވިދާޅުވީ ގެސްޓްހައުސް ހުންނަ ރަށްތަކަށް ޒަރޫރީ ބޭނުންތަކުގައި ދަތުރު ކުރާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ގެސްޓްހައުސްތައް ހުންނަ ރަށްތަކަށް ދަތުރުކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ގެސްޓް ހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ގިނަ ގެސްޓް ހައުސްތަކުން އަންނަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ބުކިންތައް މިހާރުން ފެށިގެން ނަގަމުންނެވެ.

ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކަމަށް މިރޭ އެޗްޕީއޭ އިން ނެރުނު ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅޭ އެސްއޯޕީ ބުނެއެވެ. ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިއަކަށް ނުދެވޭނެ ކަމަށް އެސްއޯޕީ ބުނެއެވެ. ނަމަވެސް އެޗްޕީއޭގެ މޮނިޓަރިންގައި ނެތް ގެސްޓް ހައުސް ހިންގާ ރަށަކުން އެފަދަ އެހެން ރަށަކަށް ފަތުވެރިންނަށް ދަތުރު ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބޭ

    ޑޮކްޓަރައް ދައްކަންދާމީހާ ރަށުތެރޭއުޅޭނެތަނެއްގަ އުޅުފަ ފުރޭގޮތައް ތިޔަކަންތިޔަނިމުނީ

  2. އަންނި

    ޑޮކުޓަރައް ދައްކަންދާ މީހުންނަކައް ކޮވިޑެއް ނުޖެހޭނެ އެހެންވީމަ ޑޮކުޓަރައް ދައްކަން މާލެވެސް އާދެވޭނެ މިހާރު.

  3. ފާއިޒު

    ގެސްޓް ހައުސް ހުންނަ ރަށު މީހާ އެހެންރަށަކަށް ދާނަމަ އޮތް އުސޫލަކީ ކޮބައިހެއްޔެވެ.؟
    ގެސްޓް ހައުސް ހުނަންރަށަކަށް ދާންޖެހެނީ ހަމައެކަނި ޑަކުޓަރަށް ދައްކާކަށް ނޫނެވެ. އެހެން ބޭނުންތަކު ދާމީހުން ކަރަންޓީނުވާން ޖެހޭ ހެއްޔެވެ؟
    ކަރަންޓީނު ވުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށްބޮޑު ތަކުލީފެކެވެ. ކޮންމެ ކޮންމެ މީހަކަށް ތިމާގެ އަމިއްލަ ރަށުގައިވެސް ކަރަންޓިނުވާން ވަކި ކޮޓަރިއެއް ނުވަތަ ގެއެއް ނުހުރެއެވެ. ބޮޑު އަގުގައި ތަންތަން ހޯދަން ޖެހެއެވެ. ޢެހެންވީމާ ރަށެއްގައި އުޅޭ މަދުބައެއްގެ ހުންނަ ހައެއްކަ ގެސްޓް ހައުސްގެ ސަބަބުން އެރަށުމީހުނާއި އެހެން ރަށްރަށު މީހުނަށް މިޖެހުނީ ހާދަބޮޑު ތުރާލެކެވެ. ޢަމުދުން ރަށްރަށު ގެސްޓ ހައުސްތަކަށް އަންނަ ޓުއަރިސްޓުންގެ ގިނަމީހުންނަކީ ހަމަ އެކަނި އެގެސްޓްހައުސްއަކުން ކާލައިގެން އެހެން ވިޔަފާރިއެއް ނުކޮށް އުޅެ ދަހި ބައެކެވެ.

  4. Anonymous

    ދެން އެންމެން ދާނީ ނަމުގަ ޑޮކްޓަރަށް ދައްކަން. އެކަމަކު ދާނީ ޖެހިގެން އޮތް ގެސްޓް ހައުސް ހިންގާ ރަށައް ޕިކްނިކް ހަދާލަން.