"ވަގުތު" އިން ދިވެހިންނަށް ޚާއްސަ، ރައްކާތެރި "ޑީއެންއެސް ރިޒޯލްވާ" އެއް ތަޢާރަފް ކޮށްފިއެވެ.

ޑީއެންއެސް ރިޒޯލްވާއަކީ އިންޓަނެޓުގައި ހިމެނޭ ހުރިހާ ވެބްސައިޓެއްގެ ޑިރެކްޓްރީތަކަށް އެކްސެސްވުމަށް ނުވަތަ އިންޓަނެޓް އިން ހޯދާ ޚިދުމަތްތަކުގެ މެދުވެރިޔަކަށް ވާ ސިސްޓަމެކެވެ. "ވަގުތު" ގެ ޑީއެންއެސް ރިޒޯލްވާއަކީ ގިނަ ބަރަހަނާ ސައިޓުތައް އަމިއްލައަށް "ބްލޮކް" ވާގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާ އާލާތެއް މި ޑީއެންއެސް އަށް ސެޓުކުރުމުން ބަރަހަނާއި ސައިޓުތަކަށް އެކްސެސް ނުވެވޭނެއެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތައް ހިމެނޭހެން އިންޓަނެޓުގެ ވަސީލަތް ހޯދާ ކޮންމެ އާލާތެއްގައި ވެސް ބޭނުންކުރެވޭ މި ޑީއެންއެސް ރިޒޯލްވާ އަކީ، ބަރަހަނާ ސައިޓްތައް "ބްލޮކް" ކުރުމުގެ އިތުރުން ދިވެހިންގެ މެދުގައި މަޤުބޫލު "ޕަބްޖީ" ފަދަ އޮންލައިން ގޭމްތައް ކުޅުމުގައި ވެސް ދިމާވާ ބައެއް ކަހަލަ ޓެކްނިކަލް މައްސަލަތަކަށް ހައްލުގެނެސްދީ ޕިންގް ދަށްކޮށްދޭނެހެން ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.

މީގެ އިތުރުން ސައިޓުތައް އަވަހަށް ލޯޑުކޮށްދީ އިންޓަނެޓުގެ ޚިދުމަތަށް އިތުރު ލުއިފަސޭހަކަމެއް ގެނެސް ދިނުމުގައި ވެސް މި ރިޒޯލްވާއިން މުޙިންމު ދައުރެއް އަދާކުރެއެވެ.

"ވަގުތު" އިން ރާއްޖެއަށް ތަޢާރަފްކުރި މި ޑީއެންއެސް ރިޒޯލްވާގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްކާތެރިކަމާއި އެކު އިންޓަނެޓުގެ ޚިދުމަތަށް އިތުރު ހަލުވިކަމަކާއި ލުއިފަސޭހަކަމެއް ހޯދައިދިނުމެވެ. ހަމައެކަނި ރާއްޖެއިން އިންޓަނެޓްގެ ވަސީލަތް ހޯދާ މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ރިޒޯލްވާ އިން "ބްލޮކް" ކުރާ ސައިޓްތައް ހިމެނޭ "ބްލެކްލިސްޓަކީ" ޤަވާއިދުން އަދާހަމަ (އަޕްޑޭޓް) ވަމުންދާ ލިސްޓެކެވެ.

މި ޑީއެންއެސްގެ އިތުރު ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ޑީއެންއެސް ބޭނުންކުރާ ފަރާތްތަކުން އިންޓަނެޓް ބޭނުންކުރާ އާލާތްތައް ވައިރަސްތަކުން ރައްކާތެރިކޮށްދީ "ޓްރެކް" ކުރުމަށް ހުރަސް އަޅައި ސްޕޭމް އަދި ސްކޭމް އިޝްތިހާރުތައް ބްލޮކް ކުރެއެވެ. އަދި މާކެޓިންގެ ބޭނުމުގައި ދައުރުކުރާ "ފޭކް" ޕްރޮމޯޝަންތައްވެސް މި ޑީއެންއެސް މެދުވެރިކޮށް ބްލޮކް ކުރާނެއެވެ. އެހެންކަމުން އޮޅުވާލައިގެން ހެކަރުންނާއި އެނޫންވެސް ފަރާތްތަކުން އިންޓަނެޓްގެ ނާޖާއިޒު ފައިދާ ނެގުމަށް މި ޑީއެންއެސް ހުރަހަކަށް ވާނެއެވެ.

ރާއްޖޭގައި ބޭނުންކުރާ އެހެން ހުރިހާ އާންމު ޑީއެންއެސްތަކުން، ޚިދުމަތް ބޭނުންކުރާ މީހުންގެ މަޢުލޫމާތު "ލޮގް" ކުރެއެވެ. ނަމަވެސް ވަގުތު ރިޒޯލްވާ ބޭނުންކުރާ ފަރާތްތަކުގެ އައިޕީ އެޑްރެސް އާއި ޑީއެންއެސް ކްއެރީ އަދި އެނޫންވެސް އެއްވެސް މަޢުލޫމާތެއް ރެކޯޑް ނުކުރެވޭނެއެވެ. އެހެންކަމުން މިއީ އިންޓަނެޓުގެ ޚިދުމަތް ބޭނުންކުރުމުގައި މިވަގުތު ރާއްޖޭގައި ބޭނުންކުރެވޭނެ އެންމެ ރައްކާތެރި އެއް ސިސްޓަމަށް ވެގެންދާނެއެވެ. އަދި މިއީ ދިވެހިން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާއިރު، ބޭނުންވާ މިންގަނޑުތަކަށް ފެތޭހެން އެންމެ އެކަށީގެންވާ ގޮތެއްގައި ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެހެން ތައްޔާރުކުރި ފުރަތަމަ ޑީއެންއެސް ރިޒޯލްވާވެސް މެއެވެ.

ޓެކްނިކަލް މަޢުލޫމާތު: މި ރިޒޯލްވާއަށް ބޭނުންކުރެވެނީ "ނޮޓް ރިޒޯލްވާ" އަދި "އުބުންޓޫ 20.04" އެވެ. އައި މި ސިސްޓަމްގެ ސާވާ ހުންނަނީ ސިންގަޕޫރުގައެވެ. އެހެންކަމުން ރާއްޖެއަށް މި ރިޒޯލްވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި، އެހެން ސިސްޓަމްތަކާއި ޚިލާފަށް ބޭނުންކުރަން ފަސޭހަވެ ސްޕީޑް ރަނގަޅުވާނެއެވެ.

ނޯޓް: "ވަގުތު"ގެ މި ޑީއެންއެސް ބޭނުންކުރާ ފަރާތްތަކުން ބްލެކްލިސްޓަށް އިތުރުކުރަން ޖެހޭ ލިންކްތައް [email protected] އަށް ފޮނުވުމުން ލިސްޓް އަދާހަމަ ކުރެވޭނެއެވެ.


"ވަގުތު" ޑީއެންއެސް ރިޒޯލްވާގެ މަޢުލޫމާތު:


އިންޓަނެޓް ބޭނުންކުރާ އާލާތްތަކުގައި މި ޑީއެންއެސް ސެޓްކުރާނެ ގޮތް:

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަން ރިޒޯލްވްޑް

    ތި ރިޒޯލްވާއިން ރާއްޖޭގަ އުޅޭ ބަރަހަނާ ކުދިންވެސް ރިޒޯލްވް ކުރާނެތަ؟

    16
    2
  2. Anonymous

    ކޮބާ އަނެއް އައިޕީ؟ ކީއް ވެ ރާއްޖޭގައި ސާ ވާރ ނުބެެހެއްޓީ؟8.8.8.8 އާއި އެއް ވަރެއްގައި ތީގެ ލޭޓެންސީ އުޅެނީ.
    ކީއް ވެ ދީރާގުންނާއި އިންޓަނެޓް ދޭ ފަރާތްތަކުން ބަރަހަނާ ސައިޓުތައް ބްލޮކު ކުރުމުގެ ބަދަލުގައި ކޭޝް ކުރަނީ!!!!

    21
    6
  3. މީހެއް

    ތިޔަށް ރީޗްވާން އެބަޖެހޭ 18 ހޮޕް. ދެން ތީގައިން ސައިޓެއް ލޯޑުވާނެ ގޮތެއް ބުނެދީބަލަ. ލޭޓެންސީ އުޅެނީ 1800 އިން މަތީގައި. އޮޅުވާލިޔަސް ބޮޑުވަރު

    16
    4
  4. ޔާނު

    އަހަރެން ބޭނުމީ މަގޭ ޢޭޑީއެސްއެލް ރައުޓަރގެ ޑީއެންއެސް ތިޔަށް ސެޓްކުރަން. އެއިރުން ރައުޓަރ މެދުވެރިކޮށް ވަންނަ ހުރިހާ ޑިވައިސްތަކެއް ޕޯންސައިޓްތައް ބްލޮކް ވާނެއެއްނުން. ތިޔަ ޑީއެސްއެން ރިޒޯލްވާގެ ޓެކްނިކަލް މައުލޫމާތު ފޯރުކޮށްދޭނެ ފޯނުނަންބަރެއް "ވަގުތުން" ޖަހާލަދިންނަމަ ހާދަހާ ރަގަޅު.

    11
    3
  5. ކޮރަލް

    ވ ރަނގަޅު ކަމެކެވެ.

    10
    4