ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލު ކުރުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މައްސަލަ ފޮނުވައިފައެވެ.

މި މައްސަލާގައި އިދިކޮޅު ކޯލިޝަން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް، އުފަން ކުރުވާފައިވާ ދައުވާއެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި، ކުރީގެ ސަރުކާރުގެ ބޭފުޅުންނާ ގުޅުވައި އަސާސެއް ނެތް މައްސަލަތައް އުފައްދައިގެން މި ސަރުކާރުން ބަލަމުން ދަނީ، ސަރުކާރު ފެއިލްވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން ސަރުކާރު ހިނގާކަން ދެއްކުމަށެވެ. ކޯލިޝަނުން މި ކަންކަން ސިފަކޮށްފައިވަނީ "ޑްރާމާ" އެއް ގޮތުގައެވެ.

އެ ދައުވާއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ފެރީ ދަތުރާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިނުގަނެވުމުން ރައްޔިތުންގެ ސަމާލު ކަން އަނބުރާލަން ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.އިދިިކޮޅު ކޯލިޝަންގެ ލީޑަރު، ޔާމީންގެ މައްޗަށް އުފުލި ދަައުވާ ދަށު ކޯޓުގައި ސާބިތުކޮށް އެމަނިކުފާނު ވެސް ޖަލުގައި ހުންނެވިއިރު، އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް ކިތަންމެ ގޮންޖެހުމެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެ ބަޔާނުގައިވެއެވެ.ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައިވާ ގޮތުން، ޒިކުރާ މިސްކިތު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެސްޖޭއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އެކަމުން ދައުލަތަށް ފައިދާއެއް ލިބިފައިނުވާއިރު، އެސްޖޭއިން ނާޖާއިޒު ފައިދާ ހޯދާފައިވެއެވެ.

އެސްޖޭގެ ފަރާތުން ވެސް މި ދައުވާ ބަލައިނުގަންނަ އިރު، ޒިޔާދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެލާ އާރިފު

    ތީ އާކަމެއްނޫން، އިދިކޮޅުގަތިބި މީހުންނަކީ އަބަދުވެސް ވައްކަމާ ކޮރަޕްޝަނަށް ތަރުހީބުދޭބައެއް، އެމީހުންގެ ވެރިކަމުގައިވަނީ ރާއްޖޭގެ ބައިތުލްމާލް ފެންފޮދަކާނުލާ ދިރުވާލާފަ، ދައުލަތުގެ ތިޖޫރިހުރިތާ ވަޅުގަނޑުވެސް ނެތް، ވަޅުގަނޑުވެސް ވަނީ ވަގައްނަގާފަ. މިވަރުބަޔަކު ވައްކަމާ ކޮރަޕްޝަނަށް ތަރުހީބުދޭވާހަކަދެއްކުމުން ދިވެހިރައްޔިތުން ހައިރާނެއްނުވާނެ، އަދިވެސް އެމީހުން މަސައްކަތްއެކުރަނީ ވެރިކަންހޯދައިގެން އިތުރައް ވައްކަންކުރަންކަން ރައްޔިތުންނަށް ދުވާލުގެ އިރުފަދައިން އިނގޭ، މިހާރު ރައްޔިތުންތިބީހޭލާ ވައްކަން ކުރާމީހުންނާ ކޮރަޕްޝަން ހިންގާ މީހުންނަށްކައް ދެންމިޤަުމުގަ ޖާގައެއްނެތް، އަގުބޮޑުފުލެޓްތަކާ، ރޮލެކުސް ގަޑިތަކާ، ބީއެމްޑަބުލިޔު ކާރުތަކާ، އަނގޮޓިތަކާ، ކަންނެލިދޯނިތަކާ، ތެޔޮފިހާރަތަކާ، އަދިވެސް ނުހައަޤު މުއްސަދިކަން ހޯދިގޮތްބަލައި ފިޔަވަޅުއެޅި ޖަލުގެ ކުޑަގޮޅިއަށްދާ ދުވަސް ވަނީވަރައް ކައިރީގަ

    6
    6