ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީ ހިމެނޭ ގޮތަށް އެ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިކުރާނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭ މީހުންގެ ގޮތުގައި ކަމަށް ހުށަހަޅާފައިވާ މާއްދާއަކަށް ސިޔާސީ ޕާޓީތަކުގެ މަންދޫބުން ނުރުހުން ފާޅުކޮށްފިއެވެ.

ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮންގްރެސް އާއި ޕްރައިމަރީ ފަދަ އެތެރޭގެ ހަރަކާތްތަކުގައި ޕާޓީތަކުން ބައިވެރިކުރަނީ އެ ޕާޓީއެއްގައި އޮންނަ އަމިއްލަ ދަފްތަރަކަށެވެ. ކޮންމެ ޕާޓީއެއްގެ ދަފްތަރަކާއި އީސީގައި އޮންނަ ދަފްތަރާ ތަފާތުތަކެއް ހުރެއެވެ. އެ ގޮތަށް މެދުވެރިވާ ސަބަބަކީ ކޮންމެ ޕާޓީއަކުން ވެސް މެންބާޝިޕް ފޯމު ލިބުމުން އެ ޕާޓީގެ އަމިއްލަ ދަފްތަރުގައި ހިމަނާތީއެވެ.

އީސީ އިން ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ކަރުދާހުގައިވާ ގޮތުން، ޕާޓީތަކުން ހިންގާ އެތެރޭގެ ހަރަކާތްތަކުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ބަލާނީ އީސީ އިން ބަލަހައްޓާ ޕާޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކެވެ. ޕާޓީގެ މެންބާޝިޕްގެ އަސްލަކަށް ބާލާނީ ވެސް އެ ދަފްތަރު ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މާއްދާއާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވީ، އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރަކަށް ވުމަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތުން ފެށިގެން ޕާޓީ އިން ލިބިދޭ ހުރިހާ ފުރުސަތެއް އެ މެންބަރަކަށް ލިބިދޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް.. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެ ގޮތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިދޭ ކަން އަނަސް ފާހަގަކުރެއްވިއެވެ. އީސީއިން މެންބާޝިޕް ބަލައިގަންނަން ދެން މަޑު ކުރަން ޖެހޭނަމަ، ޕާޓީގެ އެތެރޭގެ ހަރަކާތްތައް ބާއްވަން ޖެހޭ މުއްދަތަށް ނުބޭއްވި، އިތުރު ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަމިނުން މި ކަމުގައި މުއްދަތެއް ދޭން ވެސް ފެނޭ މި ގޮތަށް ފާސްކުރާ ނަމަ، ޔަގީންކަމެއް ދޭން ޖެހޭ، ކިހާ މުއްދަތެއް ތެރޭގައި މެންބާޝިޕް ފޯމް ބަލައިގަންނާނެ ކަމުގެ، ނޫނީ ދަތިތަކާ ކުރިމަތިވާނެ، ސިޔާސީ ހަރަކާތެއް ހިންގަން އީސީއަށް ވަރަށް ބޮޑަށް ބަރޯސާވާން މި ޖެހެނީ،" އަނަސް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އަނަސްގެ ވާހަކައަށް ތާއީދު ކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ޕާޓީތަކުގެ މެންބާޝިޕް ކަށަވަރު ކުރަން އީސީ އިން ގެންދާ ޕްރޮސެސް ލަސްވާ ކޮންމެ ވަގުތެއްގައި ޕާޓީތަކުން ޖެހޭނީ ހަރަކާތްތައް މަޑުޖައްސާލާފައި އޮންނަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ މި ޑިލޭ ޕްރޮސެސްއަށް އަޅުގަނޑުމެން މަޑުކޮށްގެން ތިބޭ ކަމަށް ވަނީ، އަޅުގަނޑުމެންގެ އެތެރޭގެ ޕްރައިމަރީތައް ފަދަ ހަރަކާތްތައް ބާއްވަން މި އޮންނަ ޕްރޮސެސް ވަރަށް ބޮޑަށް ގަޑުބަޑު ވެގެންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ބޭނުމަށް އެ ކޮމިޝަނުން ކުރާ ކަންކަމުގައި ބަލާނީ ކޮމިޝަންގައި އޮންނަ ދަފްތަރު ކަމަށް ބަޔާން ކުރާ ގޮތަށް މާއްދާއަށް ބަދަލު ގެނައުމުން ޕާޓީތަކުން ފާހަގަކުރާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޕާޓީތަކުގެ ބޭނުމަށް ކުރާ ކަންކަމުގައި ބަލަން ވާނީ ޕާޓީގެ އަމިއްލަ ދަފްތަރަށް، މިއިން ކޮންމެ ޕާޓީއެއްގެ ދަފްތަރާއި އީސީގައި އޮންނަ ދަފްތަރާ ތަފާތު، އެންމެ ބޮޑު ޕާޓީތަކުގައި ބައި ލައްކައަށް ވުރެ ގިނަ މެންބަރުން އަމިއްލަ ދަފްތަރުގައި އޮންނާނެ،" އާރިފް ވިދާޅުވިއެވެ.

އީސީގެ ރައީސް ޝަރީފް. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ގޮތަށް އިސްލާހު ގެންނަން ކޮމިޝަނުން ބޭނުންވި ސަބަބަކީ ޕާޓީގެ ކަންކަން މޮނިޓާ ކުރުމުގައި ބަލަނީ އީސީގެ ދަފްތަރު ބެލުން ކަމަށްވާ އިރު، ޕާޓީތަކުގެ އަމިއްލަ ދަފްތަރާއި އެ ދަފްތަރާ ތަފާތުވުމުން ޕާޓީތައް މޮނިޓާ ކުރުން ދަތިތަކެއް ހުންނާތީ ކަމަށެވެ.

"ޕީއެންސީ ކޮންގްރެސްގައި ފާހަގަވި ދަފްތަރު ނުކުރާ މެންބަރުން ހިމެނޭ ބައިވެރިވުމުގައި، ގާނޫނުގައި މަނައެއް ނުކުރޭ، ޖޭޕީގެ ދަފްތަރު ވެސް ވަރަށް ބޮޑަށް ތަފާތު، އެކަމަކު މޮނިޓާ ކުރުމުގައި ބަލަން އޮންނަނީ އީސީގެ ދަފްތަރު، އެއީ އާންމުކޮށް އޮންނަ އުސޫލު، ފުށު އެރުންތަކެއް ވެސް އެބަ އުޅޭ،" ޝަރީފް ވިދާޅުވިއެވެ.

އީސީގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ ދެ ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީގައި ވެސް އެކަކަށް ވޯޓު ދެވިފައި ހުންނަ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. ގާނޫނަށް އެ އިސްލާހު ގެންނަން ބޭނުންވި ސަބަބަކީ ކުރިއަށް ވުރެ ބޮޑަށް ރެގިއުލޭޓް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރުން އެ ގޮތަށް ވާހަކަ ދެއްކެވުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ނުރުހުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ މާއްދާގެ ސަބަބުން އީސީގެ މެންބަރުންނަށް ޕާޓީތަކުގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ގިނަ ޕާޓީތަކުގެ ފަރާތުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ޕާޓީތަކުގެ ކަންބޮޑުވުން އޮތުމުން އެކަމާ އީސީގައި މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދުލު

    ޢަޅުގަނޑަކީ ފެށުނީއްސުރެވެސް ޕީޕީއެމް މެމްބަރެއް. ސޮއިކުރީވެސް ޕީޕީއެމް އަްްއެކަނި . އެކަމަކު މިދިޔަ މަޖުލިސް އިންތިހާބުގަ އޮތީ އެމްޑީޕީ ލިސްޓުގަ ދެންހަދަންވީ ގޮތެއް ސަރީފު ބުނެދީބަލަ. ހަމަޔަގީނުންވެސް ސޮއިކުރީޕީޕީއެމްއައް. ވައްކަންކުރީމަދޯ އެމްޑީޕީގަ ނަން އޮންނާނީ

    11
    3
  2. ނަައީމް

    އީސީގެ ދަފުތަރު އަޕްޑޭޓްކުރުން އަވަސްކުރީމާ ތިކަމަށް ހައްލުލިބޭނެ ތިވެސް ޕީޕީއެމްގެ އެތެރޭގެ އިންތިހާބެއްކައިރިވާތީ ޕާޓީޖޫރިމަނާކުރާނެގޮތެއްހޯދަނީ ސަރީފު ތިޔައުޅެނީ ގައުމު ގަޑުބަޑުކުރަންތާ

    11
    1
  3. ފާތިރާ

    އީ.ސީ ގައިމިވަގުތުއޮތްޕާރޓީތަކުގެދަފްތަރުތައާއްމުންނަށް ފެންނާނެ ގޮތަކަށް ހައްދަވައިފިއްޔާ ވަރަށްރަގަޅުވާނެ. ޢެއީއަދުލްވިދާޅުވެފައި ވާފަދައިންއެހެންޕާރޓީތަކުގަނަންއޮންނަ ވާހަކައަކީވަރަށްގިނައިންއިވޭއަޑެއް. މިގޮތަށްދަފްތަރު ޢާއްމު ކުރައްވާ ޝަކުވާހުށަހަޅަންމުއްދަތެއްދެއްވުމުންއެމީހަކުސޮއި ކުރިޕާރޓީނޫންޕާރޓީއެއްގަނަންއޮތިއްޔާބަދަލުކޮށް ބޭނުންވާ ޕާރޓިއަކަށްރަޖިސްޓްރީވުމުގެފުރުސަތުއޮންނާނެ

  4. ސަރީފޫ

    އަޅުގަނޑަކީ ޕީޕީއެމް އިން އިންތިހާބީ މަގާމެއްގަ ހުރި ފަރާތެއް ނަމަވެސް މިހާރު އިނީ އަދާލަތު ޕާޓީގަ ސަރީފޫ މީތި ކަޑައޭ . ރަނގަޅު ކޮއްލާ