ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން އިށީނދެވަޑައިގަން ތިއްބަވާ ތަރުތީބު ބަދަލު ކުރުމާ ގުޅޭ ގޮތުން، މަޖިލީހުގެ އާންމު ކޮމިޓީގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާއިރު އެ ދުވަހުގެ ކުރިން އާންމު ކޮމިޓީން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެންބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބެއް ކަނޑައަޅައި ރިޕޯޓެއް އެކުލަވާލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވީ، ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ގޮނޑިތައް ތަރުތީބު ކުރުމަށެވެ. އެ ގޮތުން ފުރަތަމަ ވަކި ވަކި ޕާޓީތައް އެކުގައި ތިބެ، އަދި އަމިއްލަ މެންބަރުން ވަކިން ތިބޭ ގޮތަށް ތަރުތީބު އެކުލަވާލުމަށެވެ.

އެއީ ދުނިޔޭގެ އެންމެ ބޮޑު ރިޔާސީ ނިޒާމު ކަމުގައި ބެލެވޭ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުތީބު އޮންނަ ގޮތެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ހއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ދާއިރާތައް ތަރުތީބު ކުރެވޭ ގޮތަށް ތަރުތީބު ބަދަލު ކުރުމަށެވެ. މިހާރު މެންބަރުން ތިއްބަވަނީ މާލެ ސިޓީގެ ދާއިރާތަކުގެ މެންބަރުން ކުރީ ސަފުގައި ތިބުމަށްފަހު، ހއ. އިން އައްޑުއަށް ތަރުތީބުވާ ގޮތަށެވެ.

ކޮމިޓީގައި ތިއްބެވި އެހެން މެންބަރުން އެ ކަމުގައި އެދިވަޑައިގަތީ އިދާރީ މޭޒުން އެހެން ގައުމުތަކުގައި އަމަލު ކުރާ އުސޫލުތަކުގެ މައްޗަށް ދިރާސާއެއް އެކުލަވާލުމަށް ފަހު، އެ ދިރާސާގެ މައްޗަށް ކޮމިޓީގެ މެންބަރުން ގޮތެއް ނިންމުމަށެވެ.

މެންބަރުންގެ ހިޔާލުތަކަށް ފަހު، ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ރިޔާސީ ނިޒާމުތަކުގައި މަޖިލީހުގެ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަ ގޮތުގެ މައްޗަށް ދިރާސާއެއް އެކުލަވާލުމަށް އިދާރީ މޭޒަށް އަންގާފައިވާނެ ކަމަށެވެ.

މާދަމާގެ ނިޔަލަށް އެ ދިރާސާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެ ދިރާސާގެ މައުލޫމާތުތައް މެންބަރުންނަށް ހިއްސާ ކުރައްވާނެ ކަމަށާއި އެ ދިރާސާއެކު މާދަމާ ނުވަތަ އަންނަ ބުރާސްފަތި ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިއީ މިދިޔަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަސް ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި މެންބަރުން ތިއްބަވާ ތަރުތީބު އޮންނަން ވާނީ މަޖިލީހުގެ މަސައްކަތްތައް ކުރެވޭނެ ގޮތެއްގެ މައްޗަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ުުުުުު

    މަޖްލިސް މެންބަރުން އިށީނދެ ތިބޭ ކޮޅު ބަދަލުކޮށްލަން މަޝްވަރާކޮށްބަލަ! މިހާރު ތިބެނީ ފޫކޮޅު ޖައްސައިގެންނު. ގޮނޑީގަ ބޯޖައްސައިގެން ފޫކޮޅު މައްޗަށް ޖަހައިގެން ތިބެން މަޝްވަރާ ކުރިއްޔާ މާތާހިރުވާނެ.

    10
  2. ހަނި

    އަހަނަ ފެންނަނީ ހުރިހާ މެންބަރުން ބޭރުގާ ތިބެފާ އިންޑިޔާ އިން ގެރި ގެނެސް އެތެރީގާ ބައިތިބަން މިގޮތް ކިހިނެތްވާނީ އިންޑިޔާ ބުޑިސްޓުންވަރަށްއުފާވާނެ

    11
  3. އަލީ އާމިރު

    އެެހެން ގަވްމުތަކުގެ މީހުން އުޅޭގޮތަށްތަ މިވެރިން އުޅެންޖެހެނީ، ބަލަ މިވެސް މުސްތަޤިއްލު ވެރިކަމެއް ހިނގަމުން އަންނަ ގަވްމެކޭ، އަހަރުމެން ކަންކަން ކުރަން އަހަރުމެންގެ އަމިއްލަ ވަންތަކަމެއްވެސް ހުންނަން ޖެހޭނެ، ކޮންމެ ކަމެއްގައިވެސް ދޮންމީހުން އުޅޭގޮތްތަ ބަލަން ޖެހެނީ،

  4. ޝުއައިބު

    ބަރުލަމާނީ ކުލަ ޖައްސަން ބަރުލަމާނީގައި އިށީދެ ތިބޭހެން މަޖްލީހުގައި މެންބަރުން އެތުރުމާ ބިލް ހުށައަޅާއިރު ބަރުލަމާނީގައި ހުށައަޅާ ފާޑަށް ހުށައެޅޭތޯ ބެލުމާއި މިކަންކަމަށް މަޖްލީހުގެ އެތެރެއިން އެމްޑީޕީ ހުރިހާ މެންބަރުންދޭ އެއްބާރުލުމަކީ އަންނިޔާ ސާލިހާ ފަޔާ އަކާ މީ އެއްމަގުސަދަކު މިތަން ހަލާކު ކުރަން އުޅޭ ބައެއްކަން ފަލީހަތްވުން ނޫން އިތުރު މަންޒަރެއް ނުފެންނާނެ ތިޔަ ބައިގަނޑަކަށް. ކެނެރީގޭ ތެރޭގައި އެތީސްޓުން ތިޔަހެން އަތުރާގެން އިނދޭ

  5. މިއަދު

    ތިއީވެސް ބަހުސެއްދޯ މަޖިލިހުގެ މަސައްކަތަށް އެއްމެފަހިގޮތަކީ އެމްޑީޕީ މެމްބަރުން އެތެރޭގައި އަމިއްލަ މެމްބަރުން ފެންޑާމަތީގައި އިދިކޮޅު ކޯލިޝަން މެމްބަރުން ކުޑަދަށުގައި ތިބުން ކިހިނެއްތޯ؟