އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް ފަސްކޮށްދޭން އެދުމުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާތީ، ބޭންކުތަކުން ވަނީ އެ ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ.

އަދި އެސްޑީއެފްސީން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ލޯނުތައް ވެސް އަނބުރާ ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައެވެ.

އެސްޑީއެފްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މޮރެޓޯރިއަމަށް އެދި ހުށައަޅަން ގިނަ ބަޔަކަށް ދަތިވެފައި ވާތީ، އެކަމަށް އެދެން އިތުރު ފުރުސަތެއް ދިނީ ކަމަށެވެ. ލޯނު ފަސްކޮށްދޭން އެދި ހުށަހެޅުމަށް ފުރަތަމަ ދިން މުއްދަތު މިދިޔަ ހުކުރު ދުވަހަށް ވަނީ ހަމަވެފައެވެ.

އެސްއެމްއީ ލޯންތައް އަނބުރާ ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެކަމަށް މަރުހަބާ ދަންނަވައިފައެވެ. އޭނާ ވިދާޅުވީ އެހެން ބޭންކުތަކުން ވެސް އެ ނިންމުން ނަމޫނާއެއްގެ ގޮތުގައި ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެސްއެމްއީ ބޭންކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރު ކުރަން ނިންމިޔަސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށް އެކަނި ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު