ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވާލާފައިވާ ކަރުދާހުގައި ހިމެނޭ ގިނަ ކަންކަމަކީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ޕާޓީތަކަށް އެޅޭ ގޮތަށް ހުރި ހުށަހެޅުންތަކެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މަންދޫބުން ވިދާޅުވެއްޖެއެވެ.

އީސީން ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ދެލިކޮޕީގެ ކަރުދާހުގައިވާ ކަންކަމާ ގުޅޭ ގޮތުން ޕާޓީތަކުގެ މަންދޫބުންނާއެކު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ގިނަ މާއްދާތަކަށް ޕާޓީތަކުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވަކިން ހާއްސަކޮށް ޕާޓީތަކަށް ގިނަ ފިޔަވަޅު އެޅޭ ގޮތަށް ހުރި ބައެއް މާއްދާތަކާއި އީސީއަށް ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް ހުރި ބައެއް މާއްދާތައް ފާހަގަކޮށް އެ މާއްދާތައް އުވާލަން އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީގެ މަންދޫބުން ހުށަހެޅުއްވިއެވެ.

މި ގޮތުން ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމަށް އީސީއިން ޕާޓީތަކަށް އަންގާ އެންގުމަށް އަމަލު ކުރުމަކީ ޕާޓީތަކުގެ މައްޗަށް ލާޒިމު ޒިންމާއެއް ކަމަށް ޕާޓީތަކުގެ މަސްއޫލިއްޔަތުތަކުގެ މާއްދާއަށް އިތުރު ކުރަން އޮތުމުން އެ އުވާލަން ހުށަހެޅިއެވެ. އެހެން ޕާޓީތަކުން ވެސް އެ ގޮތަށް އެދުނެވެ.

މީގެ އިތުރުން ޕާޓީތަކުން އަމަލު ކުރާ ބައެއް ކަންކަމުގެ ސަބަބުން ޕާޓީތައް އުވާލުމުގެ ފިޔަވަޅާ ހަމައަށް އަދަބު ދެވޭ ގޮތަށް ހުރިހާ ބައެއް މާއްދާތައް ފާހަގަކޮށް އެ މާއްދާތައް އުވާލަން ވެސް ޕީޕީއެމްއާއި ޕީއެންސީ އިން އެދުނެވެ. މިފަދަ ބައެއް ހުށަހެޅުންތަކަށް އެހެން ޕާޓީތަކުން ވެސް ތާއީދުކުރެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އީސީގެ ކަރުދާހުގައި ހިމެނޭ ހުށަހެޅުންތަކުން ފެންނަނީ މުޅިން ވެސް ހަރުކަށި ކަމާއި ޕާޓީތަކަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއްގައި ހުށަހެޅިފައިވާ މާއްދާތަކެއް ކަމަށެވެ.

"ވަރަށް ހަރުކަށި ހުށަޅުންތަކެއް މި ފެންނަނީ ހައްތަހާ ވެސް، މުޅިން ވެސް ޕާޓީތަކަށް ފިޔަވަޅު އެޅުމާއި، ބައެއް އަމަލުތަކުގެ ސަބަބުން ޕާޓީތައް އުވާލުމާއި ޖޫރިމަނާ ކުރުމާއި، ސަސްޕެންޑް ކުރުމާއި، މިހެން ގޮސް ވަރަށް ނުރައްކާތެރި ހަރުކަށި ހުށަހެޅުންތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އީސީގެ މަޝްވަރާ ބައްދަލުވުމުގައި-- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތަކުގައި ވެސް އީސީގެ ދަފްތަރުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ބައިވެރި ކުރުވަން ޖެހޭ ގޮތަށް އޮތް މާއްދާއަށް ވެސް ޕާޓީތަކުގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޕާޓީތަކުގެ އަމިއްލަ ދަފްތަރުގައި ހިމެނޭ ކޮންމެ މެންބަރަކު އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވެ ވޯޓުދެއެވެ.

އީސީގެ އެ ހުށަހެޅުމުގެ ދިފާއުގައި އެ ކޮމިޝަންގެ މެންބަރުން ވެސް ވާހަކަދެއްކެވިއެވެ. ކޮމިޝަންގެ މެންބަރުން ފާހަގަކުރައްވާ ގޮތުގައި، ދެ ޕާޓީގެ ޕްރައިމަރީއަށް ވެސް އެކަކު ވޯޓު ދިނުން ފަދަ މައްސަލަތައް ހުއްޓުވުމަށް ޕާޓީތައް ކުރިއަށް ވުރެ ބޮޑަށް ރެގިއުލޭޓް ކުރުމުގެ މަގްސަދުގައި ހުށަހެޅުއްވި މާއްދާއެކެވެ.

އީސީގެ އެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ މާއްދާ އެ ގޮތަށް ގާނޫނަށް ގެނެވިއްޖެނަމަ އީސީއަށް ވަރަށް ބޮޑަށް ޕާޓީތަކުގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް ކޮމިޝަނުން ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ހުށަހެޅިފައިވާ މާއްދާއެއް ކަމަށް ވިދާޅުވިއެވެ. ކޮމިޝަންގެ މެންބަރުން މާއްދާގެ ދިފާއުގައި ވާހަކަ ދެއްކެވީ ވެސް އެ ސަބަބަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގާނޫނަކަށް ވާނީ މަޖިލީހަށް ހުށަހެޅި މަޖިލީހުން ފާސްކުރީމަ، އެކަމަކު ރެކޯޑަކަށް ޓަކައި ދަންނަވާލަން، މިއީ ސީދާ އިލެކްޝަންސް ކޮމިޝަން އިން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުގެ ތެރެއަށް ނުފޫޒު ފޯރުވަން ވެގެން ހުށަހެޅި މާއްދާއެއް، އެހެންވެ މާއްދާގެ ދިފާއުގައި މި ވާހަކަ ދައްކަނީ ވެސް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު، އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ އިސްލާހުތަކަކީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ކޮމިޝަން ހަރުދަނާ ކުރުމަށް ހުށަހަޅަން ބޭނުންވާ އިސްލާހުތަކެއް ކަމަށެވެ. އަދި އެ އިސްލާހުތައް އަމަލީ ގޮތުން ތަންފީޒު ކުރާނީ ޕާޓީތައް ކަމަށް ވުމުން ޕާޓީތަކުން ބޭނުންވާ ބަދަލުތަކާއެކު އިސްލާހުތަކުގެ ފަހު ދެލިކޮޕީ އެކުލަވާލައި މަޖިލީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ❤️❤️

    ސުޖާ 👏👏👏

    5
    1
  2. ކެނެރީ

    އީސީން އެކަން ކުރަނީ އިންޑިޔާ އެމްބަސީއިން އަންގާގެން ކަމަށް ބޮޑަން ލަފާކުރެވެނީ

  3. ކަޅުބެ

    އީސީ ސަރީފަށް މާކުރިން އިންޑިއާ މެދުވެރިކޮށް ސޯލިހުވަނީ ފައިސާގެ ބޮޑު އިނާމެއްދީފަ ދެން ސޯލިހުބުނާކޮންމެކަމެއްވެސް ސަރީފުކުރާނެ ސަރީފޫ ކަލޭދާއިމީކޮށް ތިތާހުރެވޭނެބާ ބުޅަލަށްދުވަހެއް އައީވިއްޔާ މީދަލަށްވެސް ދުވަހެއް އެބައޮތް މިކަންހަނދާންނެތުނީތޯ.